ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ، މައި ވައިގެ ބަނދަރަށް ގެނައިފަދަ ތަރައްޤީއާއި ކުރިއެރުން، މައި ވިޔަފާރި ބަނދަރަށްވެސް ގެނެސްގެންކަމަށް ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓާއި އެމް.ޕީ.އެލް ގުޅިގެން ހިންގި "މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް" ފުރިހަމަކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމުގެ މަސައްކަތްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ކުރިއަށްގެންދިއުމުގައި އެމްޕީއެލްއިން އަދާކުރަނީ އާދަޔާޚިލާފު މުހިންމު ދަޢުރެއްކަމަށެވެ. އަދި ރާއްޖޭގެ ޕޯޓްގެ ސިނާޢަތް ތަރައްޤީކޮށް ފުޅާކުރުމަށް އިޤްތިޞާދީ ވުޒާރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކުރެވޭ އެންމެ ބޮޑު އެއްމަސައްކަތަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތާއި ޕޯޓުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތްތަކަށް ސަރުކާރުގެ ރޭވުންތެރި މަގު ޗާޓެއް އެބައޮތްކަމަށާއި، އެކަމަށް ވާސިލުވުމަށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ އެއް ޢަމާޒަކަށްކަމަށާއި، އެއީ ޒަމާނީ ނިޒާމުތަކާއެކު ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުންކަމަށެވެ.
"ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކުގައި ކުޑަ ސެޓަލައިޓް ޕޯޓްތަކެއް ތަރައްޤީކުރުމާއި، އުތުރާއި ދެކުނުގައި ވިޔަފާރި މައި ދެ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނޭ. ކުރިއަށް ރޭވިފައިވާ މި މަސައްކަތްތަކާއެކު ޕޯޓުގެ ގޮންޖެހުންތަކަށް ޙައްލު އަންނާނެ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2000ވަނަ އަހަރު ރާއްޖޭގެ ވިޔަފާރި ބަނދަރުން ޚިދުމަތް ދިނީ، 30،000 ޓީއީޔޫ ކޮންޓެއިނަރުގެ ކެޕޭސިޓީއަށްކަމަށެވެ. މީގެ 25 އަހަރު ފަހުން، މިއަދު 100،000 ޓީއީޔޫ ކޮންޓެއިނަރަށް ޚިދުމަތް ދޭކަމަށެވެ. ފަތުރުވެރިކަން ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް އައި ކުރިއެރުމާ ގާތަށްވެސް، ޕޯޓުގެ ޖާގަ އިތުރުކޮށް އިޤްތިޞާދަށް ބޭނުންވާ މިންވަރަށް އެކަށިގެންވާ މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ.
ސަރުކާރުން މިހާރު ކަނޑައަޅާފައިވަ ސިޔާސަތުތަކާއެކު، މި މައްސަލައަށް ދެމެހެއްޓެނިވި ބޮޑު ޙައްލެއް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަސާސީ ކާބޯތަކެތީގެ ބާވަތްތައް އިތުރުކުރުމާއި، އެ ތަކެތި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީވެސް ޕޯޓުގެ ތަރައްޤީއާއި ގުޅިފައިވާ ކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ. އެންމެ ބޮޑެތި އާބާދީތަކުން ފެށިގެން، އެންމެ ކުދި އާބާދީތަކަށްވެސް މި ތަކެތި އެއްހަމައެއްގައި ފޯރުކޮށްދިނުމަކީ ރައީސްގެ ވިސްނުންފުޅުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުއެއް ފަށާ، އޭގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. 60 ހެކްޓަރުގެ ބިމުގައި ތައްޤީކުރާ މި ބަނދަރަކީ 250 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.