ޚަބަރު

ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިކުރުމަށް އެއްބަސްވުމެއް


  • މިއެއްބަސްވުމުގެ ދަށުން ކާރިސާތަކުން ދުރާލާ ރައްކާތެރިވުމަށް ކުރެވޭނެ މަސައްކަތުގެ މަޢުލޫމާތު ގެނެސްދެވޭނެ

  • އެންޑީއެމްއޭއިން އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ގެނެސްދެވޭނެ

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގުދުރަތީ ކާރިސާތަކުން ލިބެމުންދާ ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުންދިޔުމާއި ގުޅިގެން، މިފަދ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. މިކަން ކަށަވަރުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއާއި، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާ ދެމެދުވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިބް ޙިސާން ޙަސަން ވިދާޅުވީ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި އާންމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ. އެހެންކަމުން ޕީއެސްއެމްއާއި ގުޅިގެން އެފަދަ މުހިއްމު މަޢުލޫމަތު ރައްޔިތުންނަށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

"އެންމެ ފަހުން އަޅުގަނޑުމެން އާންމުކުރި ތަފާސްހިސާބަށް ބަލާއިރުވެސް ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ ހޭދަވަނީ 67 އިންސައްތަ އިތުރުވެފައި. އެހެންކަމުން މިފަދަ ކަންކަމާއި ދެކޮޅަށް ކުރެވޭ އެންމެ މުހިއްމުކަމަކީ ދުރާލާ ރައްޔިތުން ހޭލުންތެރިކުރުވުން. އެކި ރަށްރަށުގައި އަޅުގަނޑުމެން ހިންގާ އެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމްއާއި ގުޅިގެން ގެނެސްދެވޭނެ." ޙިސާން ވިދާޅުވިއެވެ.

މިއެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ރައްޔިތުންނަށް ގެއްލުންވާ ކޮންމެ ކަމަކުން އަރައިގަތުމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއަކަށް ޕީއެސްއެމްވާނެކަމަށެވެ.

"މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންނަށް އެހީވުމުގައި ޕީއެސްއެމުން ބަލަނީ އެއީ އަޅުގަނޑުމެންގެ އަމިއްލަ ކަމެއްގެ ގޮތުގައި. އެހެންކަމުން މިފަދަ ކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި އަދި އެނޫންވެސް މުހިއްމު މަޢުލޫމާތު މިކަމާ ގުޅިގެން ފޯރުކޮށްދޭނަން އަޅުގަނޑުމެން." ޝަކީބް ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން ކާރިސާތަކުން އަރައިގަތުމަށް ދުރާލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ދިނުމުގައި ޕީއެސްއެމްގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ބޭނުންކުރަމުންދާނެއެވެ. އަދި ކުރިއަށް އޮތް ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ޚާއްސަ އަހަންމިއްޔަތުކަމެއްދީގެން ކަވަރޭޖް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގައި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަންއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.