ތަރައްްޤީ

އެމްޑަބްލިޔުއެސްސީގެ އައު އިމާރާތް 8 މަސް ދުވަހުގެ ތެރޭ ނިންމަނީ


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީއިން އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމަރ ސަރވިސަސްގެ 10 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 42 މިލިއަން ރުފިޔާއަށެވެ. 

އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސަސްގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދެވެ.

img:http://s3.psmnews.mv/images/660x400/14727348945298.jpg|އެމް.ޑަބްލިޔު.އެސް.ސީގެ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޒަމާނީ ކޯލް ސެންޓަރެއްގެ އިތުރުން 126 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ޤާއިމުކުރެވިގެންދާނެކަމަށެވެ. އަދި މި އިމާރާތުން ކަސްޓަމަރުންނަށް ފަހުގެ ޒަމާނީ މާހައުލެއްގައި ޚިދުމަތް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި އިމާރާތުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

"މި އިމާރާތުގެ ތެރެއިން އަޅުގަނޑުމެންގެ އޮފީސް މުވައްޒަފުންނަށްވެސް ޖާގަ އެލޮކޭޓް ކުރެވިގެންދާނެ. އަދި އޭގެ އިތުރުން އޮޑިޓޯރިއަމްއެއްވެސް މިއިމާރާތުގައި ހެދިގެންދާނެ. 8 މަސްދުވަސް ތެރޭގައި އަޅުގަނޑުމެން ކަސްޓަމަރުންނަށް ޚިދުމަތް ދޭން ފުރަތަމަ ގްރަރުންޑް ފްލޯއާއެކު އިތުރު 2 ފްލޯއެއް ހެދިގެންދާނެ. ބާކީހުރި ފްލޯތައް ކުރިއަށް އޮތް 300 ދުވަހުގެ ތެރޭގައި ނިމިގެންދާނެ" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، މި އިމާރާތަކީ ކަސްޓަމަރ ސަރވިސަސްއަށް ޚާއްސަކޮށްގެން ހަދާ އިމާރާތެއް ނަމަވެސް، ކުރިއަށް އޮތްތާނގައި މި އިމާރާތަށްވެސް ބަދަލުތަކެއް ގެންނެއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، އެކުންފުނީގެ ބައެއް އާރު.އޯ ޕެނަލްތަކާއި، ޕަވަރ ޕެނަލްތަކުގެ އިތުރުން، ޑިސްޓްރިބިއުޝަން ޕެނަލްތައްވެސް އެ އިމާރާތައް ބަދަލުކުރެވިގެންދާނެކަން ފަޒުލް ފާހަގުރެއްވިއެވެ.

"ކުރިއަށް އޮތްތާނގައި މި އިމާރާތް ޑިމޮލިޝްކުރެވި، އާރ.ރޯ ޕެނަލްތައް މި އިމާރާތައް ގެނެވި، އަދި އެންމެ ގްރައުންޑް ފްލޯގައި މި އިމާރާތުގައި ވޯކްޝޮޕް ހެދިގެންދާނެ. އޭގެ އިތުރުން ޕަވަރ ޕެނަލްވެސް މި އިމާރާތައް ގެނެވިގެންދާނެ. ޑިސްޓްރިބިއުޝަން ޕެނަލްވެސް ކުރިއަށްއޮތްތާނގައި މި އިމާރާތައް ބަދަލުވެގެންދާނެ. އެހެންވީމަ ތަފާތު ތިން ދިމާލަކަށް ޑީ-ސެންޓްރަލައިޒް ކުރެވިގެންމިދަނީ. އަޅުގަނޑުމެންގެ ހުރިހާ އާރ.އޯ ޕްރޮޑަކްޓް ނުވަތަ ފެން އުފެއްދުމަށް ބޭނުންކުރާ ނިޒާމްގެ އެކިއެކި ޕެނަލްތައްވެސް" ފަޒުލް ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، އެމް.ޑަބްލިޔި.އެސް.ސީގެ ކަސްޓަމަރ ސަރވިސަސްގެ އިމާރާތް ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެމަސައްކަތް އެއްކޮށް ނިންމާ، އެމް.ޑަބްލިޔި.އެސް.ސީއާއި ހަވާލުކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޝެޑިއުލްގައި އެ ހަވާލުކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރަތަމަ ފޭސް 8 މަސް ދުވަހުގެ ތެރޭގައި، އަދި ބާކީ ހުރި ފްލޯތައް 300 ދުވަސްތެރޭގައި ނިންމާގޮތަށް އެއްބަސްވުމުގައި މި ސޮއިކުރީ. އެހެންވީމަ އެއްބަސްވުމުގައި ވާގޮތަށް ހުރިހާކަމެއް، އެއްބަސްވި މުއްދަތުގެ ތެރޭގައި ކޮށްނިންމުމަށްފަހު ހަވާލުކުރާނަން" ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސަސްގެ 10 ބުރީގެ އާ ޢިމާރާތް އެޅުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސްއާއި ފައިސާ ބަލައިގަންނަ އޮފީސް ޢިމާރާތް ވަގުތީގޮތުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ކަސްޓަމަރ ސަރވިސް އޮފީހުން ދެމުންގެންދިޔަ ޚިދުމަތްތައް މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެމުންދަނީ ފެން ބިލްޑިންގގެ 2 ވަނަ ފަންގިފިލާއިންނެވެ.