މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދުވާފަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކާބޯތަކެތީގެ ޚާއްސަ މައުރަޒު ފަށައިފިއެވެ.
މިމައުރަޒަކީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން ޕްރޮމޯޝަން ކޯޕަރޭޝަން ނުވަތަ ޤައުމީ މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނިން އިންތިޒާމުކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒެކެވެ.
މިމައުރަޒުގައި ދުވާފަރުގެ އިތުރުން މި އަތޮޅަށް ނިސްބަތްވާ ކާބޯތަކެތި ބައިވެރިކޮށްފައިވެއެވެ. މިމަހުގެ 11 އިން 13 އަށް ދުވާފަރުގައި ކުރިއަށްގެންދާ މައުރަޒު ހުޅުވައި ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން ޕްރޮމޯޝަން ކޯޕަރޭޝަން ޑރ. މުޙައްމަދު އިބްރާހީމެވެ.
ޤައުމީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ޕްރޮމޯޓް ކުރާ ކުންފުނިން މައުރަޒު ކުރިއަށް ގެންދަނީ "ފްރޮމް މޯލްޑިވްސް" ބްރޭންޑުގެ ދަށުންނެވެ. މަސްވެރިކަމުގެ ސިނާޢަތް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުނިން ވިދާޅުވީ އެކުންފުންޏާއި ހަވާލުވެފައިވާ މަސައްކަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުން ހިމެނޭ ކަމަށެވެ. އެހެން ކަމުން މިއީ އެކަމަށް މަގުފަހި ކުރުމަށް ލިބިގެންދާ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވީ މީގެ ސަބަބުން އެކުންފުނިން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެޑްވޮކޭޓް ކުރާ ކަމެއް ރަށްފުށުގައި މި އުފައްދާ މަހުގެ އެކި ބާވައްތަކުގެ ޕްރޮޑަކްޝަން އިތުރުކުރުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަހަލަ ހަރަކާތްތަކުން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑު އެންކަރޭޖްމެންޓެއް ލިބިގެންދޭ." މަސްވެރިކަމުގެ ޕްރޮމޯޝަން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ.
މި މައުރަޒު 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، މައުރުޒުގައި ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެފަރާތްތަކުން ދުވާފަރަށް އަދި އައަތޮޅަށް ނިސްބަތްވާ އުފެއްދުންތައް މިމައުރަޒުގައި ވަނީ ބައިވެރިކޮށްފައެވެ. މީގެ އިތުރުން މިފްކޯއިންވެސް ފަސްމީރު ބްރޭންޑުގެ އެކި އުފެއްދުންތައް މަޢުރަޒުގައި ބައިވެރިކޮށް ދަނީ އިޝްތިހާރު ކުރަމުންނެވެ.
މައުރަޒަރުގައި ބައިވެރިވި ފަރާތްތަކުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ، މިއީ ރަށުގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް އެކި އުފެއްދުންތައް އާންމުންނަށާއި އެކި ފަރާތްތަކަށް ތަޢާރަފްކޮށް މާކެޓް ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެފަރާތްތަކުން މިކަން ފާހަގަކުރެއެވެ.
މަސްވެރިން ދުވަހުގެ ގިނަ ހަރަކާތްތަކެއް ދުވާފަރުގައި ކުރިއަށް ގެންދާއިރު، މަސްވެރިންގެ ދުވަހާއި ގުޅުވައި ކުޑަކުދިންގެ ހަވީރަކާއި މަސްރޭހެއްގެ އިތުރުން ކެއްކުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.