ޚަބަރު

85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފި، 48 ގަޑިއިރަށް ކުރިއަށްދާނެ


  • އެއްވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް

  • މިއީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަ ހަރަކާތެއް

ޔޫތު ހެކަތޯން 2025 ފަށައިފިއެވެ. މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެންން ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ.

ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މިއަހަރު އުންމީދުކުރި ވަރަށްވުރެ ގިނައިން ބައިވެރިން ލިބިފައިވާކަމަށެވެ. މިކަމުން ފެންނަނީ ޒުވާނުން މިކަމަށް ހުރި ޝައުގުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.

ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ހެކަތޯން ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.