ޚަބަރު

ފްރެންކްފަރޓް އަތުން ބާސެލޯނާ އަށް މުހިންމު މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ފްރެންކްފަރޓް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ދަނޑުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ފްރެންކްފަރޓް އިން ވަނީ މެޗުގެ 21 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ބާސެލޯނާގެ މައްޗަށް ކުރި ހޯދާފަ އެވެ. މި ލަނޑަކީ އަންސަރް ނައުފް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާގެ ފޯވަޑް ފަރމިން ލޯޕޭޒް އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ހެންސީ ފްލިކް ވަނީ އޭނާގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވާފަ އެވެ. އަދި އެ ބަދަލާއެކު ބާސެލޯނާގެ އެޓޭކް ވަނީ އިތުރަށް ވަރުގަދަ ވެގެންގޮސްފަ އެވެ.

ބާސެލޯނާ އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ޖޫލްސް ކޯންޑޭ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ލަނޑުންނެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ލަމީން ޔަމާލް ދިން ޕާހަކުން ކޫންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ބާސެލޯނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ލީގު ފޭސްގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމް ލިބިފަ އެވެ. ފްރެންކްފަރޓް އަށް ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 30 ވަނައިގަ އެވެ.