ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފު)ން ޕާކިސްތާނަށް ދޫކޮށްފައިވާ ލޯނު ޕުރޮގުރާމުގެ ދަށުން އިތުރު 1.2 ބިލިޔަން އެމެރިކާ ޑޮލަރު ދޫކުރުމަށް ފާސްކޮށްފައިވާ ކަން އެ އިދާރާއިން ހާމަކޮށްފިއެވެ. ޕާކިސްތާނަށް ދޫކުރުމަށް އައިއެމްއެފްގެ ބޯޑުން ފާސްކޮށްފައިވާ ލޯނުގައި ހިމެނެނީ އެ އިދާރާގެ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީގެ ދަށުން ދޫކުރާ 1 ބިލިޔަން ޑޮލަރާއި، ރެސިލިއެންސް އެންޑް ސަސްޓެއިނެބިލިޓީ ފެސިޓީގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 200 މިލިޔަން ޑޮލަރެވެ.
7.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އައިއެމްއެފް ލޯނު ޕުރޮގުރާމެއްގައި ބައިވެރިވެފައިވާ ޕާކިސްތާނަށް އިތުރު 1.2 ބިލިޔަން ޑޮލަރު ދޫކުރުމަށް އައިއެމްއެފްގެ ބޯޑުން ފާސްކުރުމާ އެކު، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒަރވް އިތުރުކޮށް، ތަކެތީގެ އަގުތައް އުފުލުން ކޮންޓުރޯލު ކުރުމުގައި އިތުރު އެހީތެރިކަމެއް ލިބިގެންދާ ކަމުގައި މާލީ އަދި އިޤުތިޞާދީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އޮފީހުން ބުނީ، އެ ޤައުމަށް އިތުރު 1.2 ބިލިޔަން ޑޮލަރު ދޫކުރުމަށް އައިއެމްއެފްގެ ބޯޑުން ނިންމުމަކީ، އައިއެމްއެފް ޕުރޮގުރާމުގެ ދަށުން ޕާކިސްތާންގެ ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ހަރުދަނާ ކަން ހާމަވެގެން ދިޔަ ނިންމުމެއް ކަމުގައެވެ. އަދި، ޕާކިސްތާންގެ އިޤުތިޞާދު ބަނގުރޫޓުވުމުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތީ އެ ޤައުމުގެ އިޤުތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކޮށް، ކުރިއެރުވުމުގެ މަސައްކަތް ކަމުގައި ވެސް ޝަރީފްގެ އޮފީހުން ބުންޏެވެ.