އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް އެސްޓަން ވިލާ އިން ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.
އެސްޓަން ވިލާގެ ވިލާ ޕާކްގައި ސާޅީސް ދެހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ޖުމްލަ 30 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އެސްޓަން ވިލާ އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 9 މިނިޓަށް ވެފައިވަނިކޮށް މެޓީ ކޭޝް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އެސްޓަން ވިލާ އިން މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ އެބެރޭޗީ އެޒޭ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އާސެނަލްގެ ލިއަންދްރޯ ޓްރޮސާޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި ހަވަނަ ލަނޑެވެ.
އަދި މީގެ ފަހުންވެސް އާސެނަލް އިން ވަނީ އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް އެސްޓަން ވިލާގެ އާޖެންޓީނާ ގޯލުކީޕަރު އެމީ މާޓިނޭޒް ވަނީ އެ ހަމަލަތައް ވަރަށް ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
މި މެޗުން އެސްޓަން ވިލާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.