ތިމާވެށި

"އެޕްރިޝިއޭޓް" އެވޯޑާއި "ރެސްޕްކެޓް" ބެޖް ލޯންޗްކޮށްފި


ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް، ނައްތާލުމުގައި ފަރުދީ ޒިންމާ އިސްކުރުމަށް ޢާއްމުންނަށް ހިތްވަރުދީ، އެކަމަށް ބާރުއެޅުމުގެ ގޮތުން، ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ފަރާތުން "އެޕްރިޝިއޭޓް" އެވޯޑް އަދި "ރެސްޕްކެޓް" ބެޖް ލޯންޗްކޮށްފިއެވެ. 

އެޕްރިޝިއޭޓް އެވޯޑް އަދި ރެސްޕްކެޓް ބެޖް ރަސްމީގޮތުން ލޯންޗްކޮށްދެއްވީ މިއަދު ސެނެކޯ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ފަރާތުން އަލަށް ތަޢާރަފްކުރި "އެޕްރިޝިއޭޓް" އެވޯޑް އަދި "ރެސްޕްކެޓް" ބެޖަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް، ނައްތާލުމުގައި ފަރުދީ ޒިންމާ އިސްކުރުމަށް ޢާއްމުންނަށް ހިތްވަރުދީ، އެކަމަށް ބާރު އެޅުމުގެ މަޤްޞަދުގައި ވެމްކޯއިން ފަށާފައިވާ "ފަރުދީ ޒިންމާ" މި ކެމްޕެއިންގެ ދަށުން ހިންގާ ޚާއްސަ ހަރަކާތެކެވެ. "ފަރުދީ ޒިންމާ" މި ކެމްޕޭނަކީ ރައްކާތެރިގޮތުގައި ކުނިމެނޭޖްކޮށް، އެތަކެތި ނައްތާލުމުގައި ޢާއްމުން ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވާ، އމުޖުތަމަޢުއަކީ ސާފުތާހިރު، އަދި ރާއްކާތެރިތަނަކަށް ހެދުމުގައި އެންމެންގެ ބައިވެރިވުން ހޯދުމަށް ވެމްކޯއިން އިސްނަގައިގެން ފަށާފައިވާ ކެމްޕޭނެކެވެ.

"ފަރުދީ ޒިންމާ" މި ކެމްޕެއިންގެ ވެމްކޯއިން އަލަށް ތަޢާރަފުކުރި "އެޕްރިޝިއޭޓް" އެވޯޑް އަދި "ރެސްޕްކެޓް" ބެޖް ރަސްމީކޮށް ލޯންޗްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ، ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް، ނައްތާލުމަކީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ގޮތުން މުހިއްމު މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14726329578546.jpg|ވެމްކޯގެ ބެޖާއި އެވޯޑް މިނިސްޓަރ ތޯރިޤް އިފްތިތާޙުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

"ފަރުދީ ޒިންމާ" މި ކެމްޕޭންގެ ދަށުން ވެމްކޯއިން ކުރިއަށްގެންދިޔަ ޚާއްސަ ސޯޝަލް އެކްސްޕެރިމެންޓްގައި، ފާހަގަކުރެވުނު ދެ ފަރާތަކަށް "އެޕްރިޝިއޭޓް" އެވޯޑް އަދި "ރެސްޕްކެޓް" ބެޖް ފުރަތަމަ ފަހަރަށް މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. އެއީ ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ ޙަސަން މަންސޫރު، އަދި ޕިކަޕު ޑްރައިވަރެއް ކަމަށްވާ މުޙައްމަދު ޙަސަންއެވެ. 

މި ދެ ފަރާތަކީ ވެމްކޯގެ ސޯޝަލް އެކްސްޕެރިމަންޓުގެ ދަށުން މަގު މައްޗަށް އުކާލާފައިވާ ކުނިތަކެއް، އަމިއްލަ އިސްނެގުން ކުރިއަށްނެރެ، މަގުމަތިން ނަގާފައިވާ ދެ ފަރާތެކެވެ. ވެމްކޯއިން ވަނީ އެމަންޒަރުތައް ވީޑިއޯކުރުމަށްފަހު، ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ތަޢުރީފް އެ ދެފަރާތައް ލިބިގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ. 

މި ރަސްމިއްޔާތަށްފަހު، މީޑީއާއާއި ވާހަކަދައްކަމުން މުޙައްމަދު ޙަސަން ބުނިގޮތުގައި، މަގުމައްޗަށް އެޅިފައިހުރި ކުނި އޭނާ ނެގީ، އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެންކަމަށެވެ. އަދި އެކަން ކުރިވަގުތު، އެއީ ބަޔަކު ކުރިއަށްގެންދިޔަ ސޯޝަލް އެކްސްޕެރިމެންޓެއްކަން އެނާއަކަށް ނޭނގެއެވެ.

"ފަރުދީ ޒިންމާ" މި ކެމްޕޭންގެ ދަށުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގައި، ފަރުދީ ޒިންމާ އިސްކޮށް، ޢާއްމުންގެ މެދުގައި އެކަމަށް ހިތްވަރުދީ، ބާރުއެޅުމުގެ ގޮތުންތަފާތު ހަރަކާތްތަކެއް ހިންގުމަށް ވެމްކޯއިން ވަނީ ރާވާފައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ވަނީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން ވެމްކޯއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ލަވައެއްވެސް ޢާއްމުކޮށްފައެވެ.