ޚަބަރު

ނަފްސާނީ ބަލީގެ ފަރުވާ އަންނަ އަހަރު އިތުރަށް ފުޅާކުރާނެ: ސީއީއޯ


  • ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު އެނދު އިތުރުކުރުމަށްދަނީ މަސައްކަތް ކުރަމުން

  • މާލެ ސަރަޙައްދުގައި އިތުރު ޖެނެރަލް ވޯޑުތައް އިތުރުކުރެވޭނެ

ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. ސީއީއޯ ވިދާޅުވީ އަންނަ އަހަރު މާލެ ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ޖެހޭނެކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. 8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ޞިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާއިރު ޢުމްރާނީގޮތުން ވަޞީލަތް ހޯދުމަށް މިބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގައި މުހިންމު ގިނަ މަސައްކަތްތަކެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރުމަށް ނިންމާފައިވާކަމަށެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށްޓަކައި ވަގުތީގޮތުން ހޮސްޕިޓަލްގެ ޚިދުމަތް ހުޅުމާލޭ ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެސެޓަޕްގައި އިތުރު ޚިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށް އަންނަ އަހަރަށް ޕްލޭންކޮށްފައިވާކަމަށާއި، މުހިންމު ގިނަ ޚިދުމަތްތަކެއް އަންނާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން އިތުރު އެނދުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު ބައެއް އިތުރު ޚިދުމަތްތައް ފެށުމަށްވެސް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މެންޓަލް ހެލްތުގެ ދާއިރާ ފުޅާކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

"ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އިތުރު އެނދު އިތުރުކުރެވިގެންދާނެ. އެގޮތުން 28 އެނދު އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އީއީޖީގެ ޚިދުމަތް އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށަން މިދަނީ ތައްޔާރުވަމުން. މެންޓަލް ހެލްތުގެ މިހާރު ހަމައެކަނި އައުޓް ޕޭޝަންޓް ޚިދުމަތް މިދެނީ. އިންޕޭޝަންޓް ވޯޑަކާއެކު އެދާއިރާ ފުޅާކުރުމަށްދަނީ މަސައްކަތް ކުރަމުން." ސީއީއޯ ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި 10 ބުރީގެ އިތުރު ޢިމާރާތެއް ތަރައްޤީކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު މާލެ ސަރަޙައްދުގައި ދެވޭ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ޖެނެރަލް ވޯޑުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޞިއްޙީ ދާއިރާއިން އަންނަ އަހަރު މާލެ ސަރަޙައްދުގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު އަތޮޅުތަކުގެ ރަށްރަށުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކުގައި ހުންނަ ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ޢުމްރާނީގޮތުން ގިނަ މަޝްރޫޢުތަކެއް މިހާރުވެސްވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އަދި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.