ތިމާވެށި

ލަނޑާގިރާވަރުގައި ބޭނުންކުރާ "ލަނޑާ ސްޕްރިންގ" ބިއްލޫރި ފެންފުޅި


ރާއްޖޭގެ ރިޒޯޓްތަކަށް ފަތުރުވެރިންގެ މަޤުބޫލުކަން ލިބޭ މައިގަނޑު އެއް ސަބަބަކީ އެ ރިޒޯޓްތައް ހިންގަނީ ޤުދުރަތީ ގޮތުން ވަރަށް ރީތި ސިފަތަކެއް ލިބިފައިވާ ސާފުތާހިރު ރަށްތަކެއްގައި ކަމަށް ވުމުންނެވެ. މި ރީތިކަން ދެމެހެއްޓުމުގެ ގޮތުން ރިޒޯޓް ހިންގާ ފަރާތްތަކުންވެސް މަސަކަތްތަކެއް ކުރެއެވެ. އެގޮތުން ރިޒޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމާއި، ރިސައިކަލް ކުރުންފަދަ ކަންކަން ހިމެނެއެވެ.

ބ. އަތޮޅުގައި ހިންގާ ފޯސީޒަންސް ލަނޑާ ގިރާވަރަކީވެސް ތިމާވެއްޓަށް ފައިދާހުރި މުހިންމު މަސަކަތްތަކެއް ކުރަމުން އަންނަ ރިސޯޓެކެވެ. އެގޮތުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި އެރިޒޯޓްގެ ގެސްޓުން އުޅޭ ސަރަހައްދުތަކުގައި، ހުރިހާ ކަމަކަށްވެސް ބޭނުންކުރަނީ އެރިޒޯޓްގައި އުފައްދާ ފެން ނުވަތަ "ލަނޑާ ސްޕްރިންގ"ގެ ފުޅިންނެވެ. ބިއްލޫރި މި ފުޅި އެރިސޯޓްގައި ބޭނުންކުރަމުންދާތީ، އަހަރަކަށް އެރިޒޯޓުން ތިންލައްކައެއްހާ ޕްލާސްޓްކް ފުޅި ބޭނުންނުކޮށް ސަލާމަތް ކުރެވެއެވެ.

ފޯސީޒަންސް ލަނޑާގިރާވަރުން ފަތުރުވެރިންނަށް މަރުޙަބާ ކިޔާއިރު އެންމެ ފުރަތަމަ ދެނީ އެރިޒޯޓުގައި އުފައްދާ އެރިޒޯޓުން އަމިއްލަ ނަމެއް ދީފައިވާ ފެންފުޅިއެކެވެ. "ލަނޑާ ސްޕްރިންގ" ގެ ނަމުން ނަންދީފައިވާ މި ފެން ހުންނަނީ ރައްކާތެރިގޮތުގައި ވަރަށް ރީތި ބިއްލޫރި ފުޅިއެއްގައި ބަންދުކުރެވިފައެވެ. މިއީ ރިޒޯޓްގެ އެކި ސަރަޙައްދުތަކުގައި ގެސްޓުންނަށް ސާރވްކުރާ ފެނުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތްގޮތުން ރަށުތެރޭގައި ޕްލާސްޓިކްފުޅި ގިނަވުން ހުއްޓުވައި، ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މެނޭޖްމަންޓާއި، ސްޓާފުން ގުޅިގެން މީގެ 6 އަހަރު ކުރިން ފެށި މަސައްކަތެކެވެ.

މި މައްސައްކަތުގެ ދަށުން ދުވާލެއްގެ މައްޗަށް 800 އެއްހާ ލީޓަރުގެ ފެން އެކި ބޭނުންތަކަށް އުފެއްދުމުގެ ޤާާބިލުކަން ލިބިފައިވާ ޕްލާންޓެއް ލަނޑާގިރާވަރުގައި ވަނީ ޤާއިމްކުރެވިފައެވެ. ރެސްޓޯރެންޓް ތަކާއި، ބީޗްގެ އިތުރުން ރޫމްތައް ހިމެނޭހެން އެކިތަންތަނަށް ތަފާތު 4 ސައިޒެއްގެ ލަނޑާ ސްޕްރިންގ ފުޅި ބޭނުންކުރަމުން ގެންދާއިރު، މީގެ ސަބަބުން އަހަރެއްގެ މައްޗަށް 500 މިލިލީޓަރުގެ 182،500 ޕްލާސްޓިކު ފުޅި އަދި 1 ލީޓަރުގެ 109،500 ޕްލާސްޓިކް ފުޅި ސަލާމަތް ކުރެވޭ ކަމަށް ރިޒޯޓްގެ މެއިންޓެނަންސް މެނޭޖަރ އާދަމް މޫސާ ހާމަކުރެއްވިއެވެ.

ލަނޑާ ސްޕްރިންގ އެންމެ ގިނަވެގެންވެސް ބޭނުންކުރަނީ ހަފްތާއެއްގެ މުއްދަތަށެވެ. މިކަން ކަށަވަރު ކުރަނީ ކޮންމެ ހަފްތާއަކަށް ވަކި ކުލައެއްގެ ފާހަގައެއް ފުޅީގެ މަތިގަނޑުގައި ހަރުކޮށްގެންނެވެ. ރިޒޯޓްގެ މުއައްޒަފުން ބޭނުންކުރުމަށް ދެ ޓެޕް މިހާރު ޤާއިމްކުރެވި ސްޓާފުންނަށް ދޫކުރެވިފައިވާ ފުޅިތަކަށް ސްޓާފުން ފެންނަގައެވެ. ނަމަވެސް މެނޭޖްމަންޓުން މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ރިޒޯޓުގެ ބަދިގެއާ، ސްޓާފުން ތިބޭ ސަރަޙައްދަށް އެކޮލިޓީގައި އިސްކުރުތަށް މެދުވެރިކޮށް ލަންޑާ ސްޕްރިންގ ފެން ފޯރުކޮށްދިނުމަށެވެ. ޕްލާސްޓިކް ފުޅި މަދުކުރުމާއި، ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ލަނޑާ ގިރާވަރުން ކުރާ މި މުހިންމު މަސައްކަތަށް، މި ރިޒޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަރުޙީބުވެސް ލިބިގެންދާކަމީ މި މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

ލަންޑާ ސްޕްރިންގ އުފެއްދުމުގެ އިތުރުން، ފޯސީޒަންސް ލަނޑާ ގިރާވަރަކީ ތިމާވެއްޓަށް ފައިދާކުރުވަނިވި އިތުރު މުހިއްމު މަސައްކަތެއްވެސް ކުރާ ބައެކެވެ. ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅުއަވާފައިވާ ބ. އަތޮޅުގެ މުހިންމު ސަރަޙައްދެއްގައި އޮންނަ މި ރިޒޯޓުގައި، ވެލަޔާއި ކަހަނބުގެ އިތުރުން ބައެއް ބާވަތްތަކުގެ މަސްތަކަށް ފަރުވާދިނުމަށް ޚާއްސަ މެރިން ޑިސްކަވަރީ ސެންޓަރަކާއި ޚާއްސަ ފިޝް ލެބެއްވެސް ޤާއިމުކޮށްފައިވެއެވެ.