ޚަބަރު

ހުނަރާއި ތަމްރީންދިނުމަށް ޚާއްސަކުރި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި


  • ފުރަތަމަ ބެޗުގައި 5 ދާއިރާއަކުން 60 ދަރިވަރުން ކިޔަވާ

  • ސަރުކާރުގެ އަމާޒަކީ 500އަށް އިތުރުކުރުން

ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ޕާތްވޭ ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.

މިކަމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.

މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތްވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.

ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތްވޭއަކީ، ޢިލްމީ ހުނަރުވެރި ޒުވާން ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދޭ ފުރުޞަތުތައް މިހާތަނަށް އޮތީ ވަރަށް ހަނިކޮށްކަމަށެވެ. ސަރުކާރުން މިދާއިރާއިން ފެށި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފުރިހަމަކަމަށާއި، ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން މަތީ ސާނައިން ފުރުޞަތު ދެވޭ ނިސްބަތް %31އިން %49 އަށް އިތުރުކޮށްފަވާކަމަށެވެ.

މިއީ އޯލެވެލް ނިންމާ، ކުރިއަށްދާން މަގެއް ނުފެނި ތިބި އެތައް ދަރިވަރުންތަކަކަށް ފުރުޞަތު ފަހިކޮށްދީ، ހުނަރުވެރި ޖީލެއް ބިނާކުރަން ސަރުކާރުން އެޅުއްވި ވަރަށް ބޮޑު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

"މަތީ ސާނަވީގެ ފުރުޞަތު ވަރަށް ބޮޑަށް ފުޅާވެގެން މި ދިޔައީ. ވޮކޭޝަނަލް ހައި ސްކޫލްގެ ނަމުގައި އާ ސްކޫލެއް އެސްޓޭބްލިޝްކުރެވި މި ފެށިގެންދިޔައީ. 60 ކުދިން ފުރަތަމަ މި ފެށީ. ކުރިމަގުގައި ވޮކޭޝަނަލް ޕާތްވޭއިން 500 ކުދިންނަށް ފުރުޞަތު ދިނުމަކީ ޢަމާޒު." ވަޒީރު ވިދާޅުވިއެވެ.

ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، މިއީ ރަސްމީ ތަޢުލީމުގެ ލެވެލްތަކާއި މަތީ ތަޢުލީމުގެ ދާއިރާއާއި ދެމެދު އޮތް ހުސްކަން ނައްތާލަދިން ފިޔަވަޅެއްކަމަށެވެ. އޭލެވެލް ވޮކޭޝަނަލް އިސްލާމް އަދި ދިވެހި މާއްދާއަކީ މަޖުބޫރު ދެ މާއްދާއެވެ. ދެން ފުރުޞަތު ހުޅުވާލި ވޮކޭޝަނަލް ދާއިރާތަކުން އެ ކުއްޖަކު އިޚްތިޔާރުކުރި ދާއިރާއިން ކުރިއަށްދެވޭނެއެވެ. ޓެކްނިކަލް ހުރިހާ ބައިތައް ގެންދާނީ ޕޮލިޓެކްނިކްގެ ފެސިލިޓީތަކާއި ފެސިލިޓޭޓަރުންނެވެ.

"މި 60 ކުދިން 5 ޕްރޮގްރާމަކުން ތަމްރީންވާނެ. އެއީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް." ޒޫޝާން ވިދާޅުވިއެވެ.

މި ޕްރޮގްރާމްތަކުގައި މަސައްކަތުގެ މާޙައުލުގެ ތަޖުރިބާތައްވެސް ދޭނެއެވެ.

މާލެ ވޮކޭޝަނަލް ހައި ސްކޫލްގެ ކުރިއަށްގެންދަނީ މުޅިން އައު ލޯގާއަކާއެކު، ސަރުކާރުގެ އައު ސްކޫލެއްގެ ގޮތުގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ، އޭ ލެވެލްއަށް ކިޔަވައިދޭ ރަސްމީ އޮނިގަނޑުގެ ދަށުންނެވެ.