ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނ. ލަންދޫގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއީ 1100އެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ލަންދޫގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ދޭން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ލަންދޫގެ ކައުންސިލް މެންބަރުންނާއި، އެރަށުގެ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވީ، ލަންދޫ ފަދަ އާބާދީ ބޮޑު ރަށްރަށުގެ ސިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދލުވެގެން ދިއުމަކީ އެރަށު ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދިޔަ ކަމެއްކަމަށެވެ.
މީގެ ސަބަބުން ރޭގަނޑު ގަޑީގައި އެމެޖެންސީ ހާލަތެެއް މެދުވެރިވެއްޖެނަމަ އެހެން ރަށަކަށް ފުރައިގެން ދާން ނުޖެހި ޞިއްޙީ ޚިދުމަތްތައް މިހާރު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ރަށްރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެރަށްރަށުގައި ޤާއިމުވެފައިވާ ޞިއްޙީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުވެގެންދިއުމަކީ އަސްލު ހަޤީޤަތުގައި ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ގިނަ މަންފާތަކެއް ކުރާނެ ކަމެއް. މި ރަށުގައި ޞިއްޙީ މަރުކަޒު މިހާރު 24 ގަޑިއިރަށް ބަދަލުވެގެން ދިއުމާއެކީގައި އަސްލު ވަރަށް ބޮޑު ލުޔެއް މި ރަށު ރައްޔިތުންނަށް މި ލިބިގެންދަނީ." ވަޒީރު ވިދާޅުވިއެވެ.
ލަންދޫ ޞިއްޙީ މަރުކަޒުން މީގެ ކުރިން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ޞިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މި ބަދަލާއެކު، ލަންދޫގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ޞިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު މިހާރު މިވަނީ ފަހިވެގެންގޮސްފައެވެ.
މީގެ އިތުރުން، މި މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން، ރަށުގެ ރައްޔިތުން ޞިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެން ކުރަން ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އެ ރަށުން ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ފައިދާތަކެއް ކުރާނެކަމަށްވެސް އެރަށު ރައްޔިތުން ގަބޫލުކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.