ޞިއްޙީ ދާއިރާގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ކުރިއަށް އޮތް 20 އަހަރަށް ޢުމްރާނީގޮތުން ސިއްޙީ ދާއިރާއަށް ދަތިކަމެއް ނާންނާނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އެކަނިވެސް 160 އަށްވުރެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށެވެ.
އަތޮޅުތަކުގެ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖާގައިގެ ދަތިކަމެވެ. ދުވަސްވެ ބާވެފައިވާ ޢިމާރާތްތަކެވެ. ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ރަށްރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް މިދިޔަ ދެއަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ.
ޕީއެސްއެމްނިއުސްގެ "ހަފްތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ޞިއްޙީ ދާއިރާގައި މިވަގުތު ޢުމްރާނީ ތަރައްޤީގެ 165 މަޝްރޫޢު ޞިއްޙީ ވުޒާރާގެ ބެލުމުގެ ދަށުން ހިންގަމުންދާކަމަށެވެ. އަދި މި މަސައްކަތް ނިމިގެންދާއިރު އަތޮޅުތަކުގެ ސިއްޙީ ނިޒާމަށް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެކި މަރުޙަލާތަކުގައި 160 އަށްވުރެ ގިނަ މަޝްރޫޢުތައް ހަމައެކަނި ހެލްތު މިނިސްޓްރީގެ ދަށުން އެބަ ކުރިއަށްދޭ. އަދި ފެށުމުގެ މަރުޙަލާގައި 25 ހަކަށް މަޝްރޫޢުއެބައުޅޭ. މި ޕްރޮޖެކްޓުތައް ނިމިގެންދާއިރު ކުރިއަށްއޮތް 10 ވަރަކަށް 20 ވަރަކަށް އަހަރުދުވަހަށް، އިރާދަކުރެއްވިއްޔާ އަތޮޅުތަކުގެ އިންފްރާސްޓްރަކްޗަރއަށް ދަތިކަމެއް ނާންނާނެ. އެމިސްރާބުގައި ރައީސް އަޅުގަނޑުމެނަށް އިރުޝާދުދެއްވަމުންދަނީ." ވަޒީރު ވިދާޅުވިއެވެ.
ރަށްރަށުގެ ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމަށް ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެކްސްޓެންޝަން ޢިމާރާތްތަކުގެ މަސައްކަތާއި، ފަރުވާ ފުޅާކުރުމަށް އައު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްއަންނަނީ ކުރަމުންނެވެ. މީގެއިތުރުން ރީޖަނަލް ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމާއި އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރާ ސަރަޙައްދުތަކުގައި ހޮސްޕިޓަލްތަކުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހަމައެއާއެކު ހޮސްޕިޓަލްތަކަށް ބޭނުންވާ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ލެބޯޓްރީގެ ޚިދުމަތާއި، ސީޓީ ސްކޭނާއި، އެމްއާރްއައި އަދި އެކްސްރޭގެ ޚިދުމަތާއި، މެމޮގްރަފީ އަދި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.