ރިޕޯޓް

"މޯލްޑިވްސް ޓީވީ" ޑިސެމްބަރ މަހު ލޯންޗްކުރަން ދަނީ ތައްޔާރުވަމުން


ޕަބްލިކް ސަރވިސް މީޑިއާއިން ފެށުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ޓީވީ ޗެނަލް އަންނަ ޑިސެމްބަރ މަހު ލޯންޗް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ ރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ދައްކުވައިދީ ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ޢަމާޒުކޮށްގެން ޕީއެސްއެމުން އުފެއްދުމަށް ޢިއުލާނުކޮށްފައިވާ މިޗެނަލްގެ ނަމަކީ "މޯލްޑިވްސް" ކަމަށެވެ. img:http://s1.psmnews.mv/images/660x400/14723759104784.jpg|މޯލްޑިވްސް ޓީވީ ޑިސެމްބަރު މަހު ފަށަން ޕީއެސްއެމުން ދަނީ ތައްޔާރުވަމުން -

ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫގެ ދަށުން ކުންފުންޏަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް، ޕީއެސްއެމުން އަބަދުވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޞައްޙަ ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާ ޤާނޫނަކުން މަތިކޮށްފައިވާ މުޢައްސަސާގެ ޙައިސިއްޔަތުން ޕީއެސްއެމުން އަންނަނީ ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޕީއެސްއެމްގެ މަސައްކަތްތައް ދުވަހެއް ދުވަހަކަށް ފުޅާކުރަމުން ގެންދާއިރު މިހާތަނަށް ކުންފުނިން ވުޖޫދަށް ގެނެސްފައިވާ ރޭޑިޔޯއާއި ޓީވީ ޗެނަލްތަކާއި އެހެނިހެން މީޑިޔާގެ ވަޞީލަތްތައް ވަނީ އިތުރުކުރެވިފައެވެ. މަޖިލިސް ޓީވީ، ޔެސްޓީވީ، ދީނުގެ އަޑު، މާލްދީބް ހަފްތާ މަޖައްލާ މިއީ އެގޮތުން ފާހަގަކޮށްލެވޭ ވަޞީލަތްތަކެވެ. މި ލިސްޓަށް ދެން އެންމެ އަވަހަށް އިތުރުވަނީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވާލަދޭނެ އިންޓަރނޭޝަނަލް ޓީވީ ޗެނަލެވެ. "މޯލްޑިވްސް ޓީވީ" ގެ ނަމުގައި ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާ މި ޗެނަލް މިއަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޢާންމުންނާއި ހަމައަށް ގެނެސްދެވޭނެކަމުގެ އުފާވެރި ޚަބަރު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު މި ވަނީ ދެއްވާފައެވެ. ޝާޔަން މިހެން ވިދާޅުވީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. img:http://s3.psmnews.mv/images/660x400/14723759242298.jpg|މޯލްޑިވްސް ޓީވީ ޑިސެމްބަރު މަހު ފަށަން ޕީއެސްއެމުން ދަނީ ތައްޔާރުވަމުން -

އިނގިރޭސިބަހުން ހުރިހާ ކޮންޓެންޓެއް ގެނެސްދޭ މޯލްޑިވްސް ޓީވީއަކީ ހައިޑެފިނިޝަންގައި މުޅިދުނިޔެއަށް ޚިދުމަތް ލިބިދެވޭ ޗެނަލެކެވެ. އިންޓަރނޭޝަނަލް ޓީވީ ޗެނަލެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ޕީއެސްއެމުން ކުރަމުން އަންނައިރު، ޕީއެސްއެމުން މީގެ ކުރިން ވަނީ އިންޓަރނޭޝަނަލް ފްރެންޗައިޒް ޓީވީ ޝޯއެއް ކަމަށްވާ އައިޑަލް ރާއްޖެ ގެނެސް، މޯލްޑިވިއަން އައިޑަލްގެ ނަމުގައި ކާމިޔާބުކަމާއެކު އެޝޯވގެ ފުރަތަމަ ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. މީގެ އިތުރުން 24 ގަޑިއިރު ޙަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ޗެނަލަކާއި، ތަޢުލީމީ ދާއިރާއަށް ޚާއްޞަ ޗެނަލެއް ޢާންމުންނާއި ހަމައަށް ގެނެސްދިނުމަށްވެސް ޕީއެސްއެމުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމްއިން މިހާރުވެސް 3 ޓީވީ ޗެނަލާއި 3 ރޭޑިއޯ ޗެނަލައާއި ހަފްތާ މަޖައްލާއެއްގެ އިތުރުން އޮންލައިން ވެބްސައިޓެއް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ޚަބަރާއި މަޢުލޫމަތު ގެނެސްދިނުމުގައި ޕީއެސްއެމް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްގައި ޙަރަކާތްތެރި ދައުރެއް އަންނަނީ އަދާކުރަމުންނެވެ.