ޚަބަރު

އަންނަ އަހަރު ނިމިގެންދާއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން ލެބޯޓަރީއެއް ހުންނާނެ: ރައީސް


  • ލެބޯޓަރީ އަޕްގްރޭޑްކުރުމާއި ވަޞީލަތް ހަމަކުރުމުގެ އެތައް މަސައްކަތެއް އެކި މަރުޙަލާގައި ދަނީ ކުރަމުން

  • މިދިޔަ އަހަރު އެންމެ ގިނަ މުވައްޒަފުން ރެކްރޫޓްކޮށްފައިވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާ

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގިނަ ރަށްރަށުގައި ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ކައިރިން ބޮޑު ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް އައުންވަނީ މަޖުބޫރުވެފައެވެ.

މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު ނިމިގެންދާއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ލިބެން ހުންނާނެކަމަށެވެ. އެގޮތުން މިހާރު ހުރި ލެބޯޓަރީތައް އަޕްގްރޭޑްކުރެވި، އެތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތަކާއެކު ކޮންމެ ރަށެއްގައިވެސް މިޚިދުމަތްފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އަންނަ އަހަރު އެމްބިއުލާންސްގެ ޚިދުމަތް އެއްގަމާއި ކަނޑުން އަދި ވައިގެ މަގުންވެސް ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ.

"މިއަންނަ އަހަރު ނިމޭއިރު އެރަށެއްގެ އާބާދީގެ ނިސްބަތުން ހުންނާނެ ލެބޯޓްރީއެއް. އަޕްގްރޭޑްކުރެވިފައި އަދި މުވައްޒަފުން ހަމައަށް ތިބޭނެ ލެބޯޓަރީއެއް ހުންނާނެ ކޮންމެ ރަށެއްގައިވެސް." ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގެ ތަރައްޤީގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރު އެންމެ ގިނަ މުވައްޒަފުން އެއްދާއިރާއަކުން ވަޒީފާއަށް ނެރެވުނު އެއްދާއިރާއަކީ ސިއްޙީ ދާއިރާކަމަށެވެ. އަދި މިއަހަރުވެސް އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ ދިވެހީން ހޯދުމުގައި ހުރި ދަތިތަކާއި ގުޅިގެން ރައީސްވަނީ ޒުވާނުން މިދާއިރާގައި ހުރި ވަޒީފާތަކަށް އިސްނަގައިގެން ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.

ސިއްޙީ ދާއިރާއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިއްޙީ ދާއިރާގެ ގިނަ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނީ އެދާއިރާ ވީރާނާވާން ދޫކޮށްލާފައި ގިނަ ޒަމާންތަކެއް ވަންދެން އޮތުމުންކަމަށެވެ. އެކަން ބަދަލުކޮށް މިދައުރު ނިމިގެންދާއިރު ސިއްޙީ ދާއިރާއިން ބޮޑު ބަދަލެއް ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.