ތަރައްްޤީ

ޒުވާނުންގެ ސިޓީން ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް


ޒުވާނުންގެ ސިޓީން ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ހުނަރާއި، ވަޒީފާގެ ފުރުޞަތުތައް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެޗް.ޑީ.ސީން ވަނީ ޒުވާނުންނަށް ވަޒީފާއަށް ނުކުތުމުގެ ފަހި ފުރުޞަތުތައް ހޯދަވައިދެއްވުމަށްޓަކައި މަސައްކަތުގެ ދާއިރާއިން ޒުވާނުން ތަމްރިންކުރުމަށްޓަކައި 6 މަސްދުވަހުގެ ޕްރޮގްރާމެއް އިފްތާޙްކުރައްވާފައެވެ.

މިޕްރޮގްރާމްގެ ތެރެއިން ޒުވާނުނަށް ޚާއްޞަކޮށް ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ގިނަޒުވާނުންތަކެއް ތަމްރީންކުރެވި، މުޖުތަމަޢަށް ނެރޭނެކަމަށް އެޗް.ޑީސީން ހާމަކުރެއެވެ. އެޗް.ޑީސީން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭގޮތުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މަސައްކަތްތެރި ޒުވާނުންތަކެއް އުފެއްދުމަކީ އެޗް.ޑީ.ސީއަށާއި އަދި ހުޅުމާލޭގެ ތަރައްޤީއަށާއި، ކުރިމަގަށްޓަކައި ބޭނުންތެރި ކަމެއްކަމުގައެވެ.

"ބޭރުމީހުން ގިނަ.. އެކަމަކު ޒުވާނުން ކޮންމެހެން ތަރައްޤީކުރަންޖެހޭ ޚާއްޞަ އޭރިޔާއެއް މީއީ.. ވެލްޑަރުން އެބަތިބި.. އަދި އޭސީ މެކޭނިކުންނަކީ ވަރަށް މުހިންމު އޭރިއާއެއް..  އަޅުގަނޑުމެންމަށް ޚުދު އެޗް.ޑީ.ސީއަށްވެސް ވަރަށް މުހިންމު އޭރިޔާއެއް.. އެކަމަކު ވަރަށް ގިނަފަހަރާއި ބޭރުން ނުވަތަ އައުޓް ސޯސްކޮށްގެން އެސަރވިސް މިހޯދަނީ.. ނޫނިއްޔާ ބޭރުމީހަކު މިގެންގުޅެނީ.. ބައެއްފަހަރު ބޭރުމީހާ ގެއްލިއްޖެއްޔާ އެނެއްކާ މީހަކު ނުލިބިގެން އުޅެންޖެހޭ.. މިހެން ހުރި ވެލްޑަރުންނާއި ވެހިކަލް އެއްޗިއްސައް ބޭނުންވާ އެކިއެކި މެކޭނިކުންނާއި މިކަހަލަ ޙާއްސަ ދާއިރާތައް ވާނީފާހަގަކޮށްފައި އަޅުގަނޑު ގަބޫލް ކުރާގޮތުގައި މިއީ ހުޅުމާލެ ނޫނަސް ރާއްޖޭގެ ރިސޯޓްތަކުންނާއި އަދި އެކިއެކި ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުނާއި ރާއްޖޭގައިވެސް އަދި ހުޅުމާލޭގައިވެސް ވަރަށް ގިނަ ސިނާޢީ އެކިއެކި ރިއަލްސްޓޭޓް ޑިވެލޮޕްމެންޓް މި މާރކެޓް ގްރޯވެ މިއަންނަ ގޮތަށް ބަލާއިރު ޖޮބްމާކެޓަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑިމާންޑްތަކެއް އޮތް އޭރިޔާތަކެއް" ސައިމަން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އެޗް.ޑީ.ސީގެ ތެރެއިން ރަނގަޅު ފުރުޞަތުތައް ހުރިކަން ސައިމަން ފާހަގަކުރެއްވިއެވެ. ގިނަ ޢަދަދެއްގެ ބިދޭސީން، ވެލްޑަރުންނާއި ކާޕެންޓަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން ފަހަގަކުރައްވަމުން ސައިމަން ވިދާޅުވީ، މިދާއިރާތަކަށް ޒުވާނުން ބޭނުންވާކަމަށެވެ. އަދި މި ދާއިރާތަކުގައި ޒުވާނުންގެ ބަދަލުގައި ބިދޭސީން މުސާރަ ނަގަމުންދާކަމަށާއި، މިކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ފައިސާ ދައުރުވާ މިންވަރު ދަށްވެ، ޤައުމުން ބޭރުވާ ފައިސާގެ ނިސްބަތް އިތުރުވެގެންދާނެކަމަށް ސައިމަން ވިދާޅުވިއެވެ.

"ވާރކްޝޮޕްތައް، ހުޅުމާލޭގެ އެކިއެކި ސަރަޙައްދުތަކުގައި ކާޕެންޓްރީ އެބަހުރި އެކި އެކި ބޮޑެތި ސިނާޢީ މަސައްކަތްތައް ކުރާ ބޮޑު ސަރަހައްދެއް އެބައޮތް، އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމްގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ނެރެ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެގެން ނުކުންނަ ޒުވާނުންނަށް އަޅުގަނޑުމެންނަށް މިދަންނަވާ ކަހަލަ ވިޔަފާރިވެރި އެކިއެކި ކުންފުނިތަކަށް އެ ޔަޤީންކަން ދެވިގެން އެވަޒީފާގެ ފުރުޞަތުތަކަށް ހުޅުމާލެ ތެރެއިން އަޅުގަނޑުމެންނަށް މިދަންނަވާ ކުދިންނަށް ވަޒީފާގެ ފުރުޞަތުދެވޭނެ ގޮތުގެ މެދުވެރި ރޯލެއް ނުވަތަ މެދުވެރިއެއްގެ ރޯލް އެޗްޑީސީން ކުރުމުގެ ރޫޙް އަޅުގަނޑުމެންގެ އޮތީ" ސައިމަން ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރައްވާ ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ލިބޭނެކަމަށް އެޗް.ޑީސީން ބުނެއެވެ.