ޚަބަރު

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރާ ލޯނު، 33 ފަރާތަކަށް


  • ޖުމްލަ 85 ފަރާތަކުން ލޯނަށް ކުރިމަތިލީ

  • މިހާތަނަށް 23.7 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ހުށައެޅި އެޕްލިކޭޝަންގައި 33 ފަރާތަކަށް ލޯނު ދޫކުރަން ފާސްކޮށްދފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް އަދުގެ ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އާރް.އެސް.ޑަބްލިއު ޕްރޮގްރާމް ޖުމްލަ 85 އެޕްލިކޭޝަނެއް ލިބިފައިވާކަމަށެވެ. މީގެތެރެއިން 33 ފަރާތަކަށް ލޯނުދިނުމަށް ވަނީ ފާސްކޮށްފައެވެ. އެއީ މުޅި ޖުމްލަ 34 މިލިއަން ރުފިޔާއެވެ. މީގެތެރެއިން މިހާތަނަށް 23.7 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައެވެ.

އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.