ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން "ޕޭއެމްވީ ކިއުއާރު ޓްރާންސްފަރ" ޚިދުމަތް ފަށައިފި


  • ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ޚިދުމަތް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް އިން ފަސޭހަ އަދި އަވަހަށް ޓްރާންސްފަރ ކުރެވޭ ގޮތަށް "ޕޭއެމްވީ ކިއުއާރު"ގެ ޚިދުމަތް ފަށައިފިއެވެ.

މި ފީޗާއިން ބޭންކުގެ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެއެވެ.

ބޭންކުން މި ޚިދުމަތް ތައާރަފުކުރުމާއެކު ބޭންކް އޮފް މޯލްޑިވްސް ވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އައު މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށެވެ. މި ކާމިޔާބީއިން، ހާމަވަނީ ރާއްޖޭގެ ޕޭމަންޓް ޓެކްލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަންކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން ވަނީ އިރުޝާދުދީފައެވެ. ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ ގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް.

"މިއަދުން ފެށިގެން ކިއުއާރ ކޯޑު ސްކޭންކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރ ކޯޑު ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.