ޚަބަރު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރައީސް ހުޅުވައިދެއްވައިފި


  • އައު ހެޑް އޮފީސް އިމާރާތް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭގައި

  • މިއީ 2 ފަންގިފިލާގެ އިމާރާތެއް

  • މީގެ ކުރީގައި ހެޑް އޮފީސް އޮޕަރޭޓްކުރީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތް ތަރައްޤީކޮށްފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަފައެވެ.

މި ހެޑްކުއަރޓަރސް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ހެޑްކުއަރޓަރސް އައު އިމާރާތުގައި ހުރި ވަސީލަތްތައް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ.

މި އައު އޮފީސް އިމާރާތަކީ 2 ފަންގިފިލާގެ އިމާރާތެކެވެ. ކަރެންޝަންސްގެ އައު ހެޑްއޮފީސް ޤާއިމުކޮށްފައިވަނީ ގާތްގަނޑަކަށް 12000 އަކަފޫޓުގެ ޖާގައެއްގައެވެ.

އައު ހެޑްކުއަރޓަރސްގައި ޤާއިމުކޮށްފައިވާ ސެކްޝަންތައް:

1. އޮފިސް އޮފް ދަ ކޮމިޝަނަރ
2. މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން
3. އެޑްމިނިސްޓްރޭޝަން ސެކްޝަން
4. ޕްރޮކިއުމަންޓް ސެކްޝަން
5. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން
6. އޮފެންޑަރ ސަރވިސް ޑިވިޜަން
7. އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަން
8. ރިހެބިލޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް
9. ޕެރޯލް އޮފީސް
10. ހެލްތުކެއަރ ސަރވިސް ޑިވިޜަން
11. ޕްރޮފެޝަނަލް ސްޓޭންޑަރޑް
12. ލީގަލް ސަރވިސް ސެކްޝަން
13. ޔުނިފޯރމް ސަރވިސް ސެކްޝަން
14. ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް
15. ޓްރާންސްޕޯރޓް ސަރވިސް ސެކްޝަން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް މީގެ ކުރިން ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ. އެހެންނަމަވެސް ހެޑްކުއަރޓަރސް އަމިއްލަ ބިމެއްގައި ހުޅުވިގެން ދިއުމަކީ މި ސަރވިސްގެ ޚިދުމަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަރެންޝަންސްއިން ފާހަގަކުރައްވައެވެ.

‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ.