ޚަބަރު

ތަޙުޤީޤުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުން މަޝްވަރާކޮށްފި


  • ތަޙުޤީޤަށް އިދާރާތަކުން މަޢުލޫމާތު ހޯދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި

ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިންވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ މެންބަރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަލަށް އައްޔަނުކުރެއްވި މެންބަރުންނަށް ކޮމިޝަނަރ ތަހުނިޔާވެސް ދަންނަވާފައިވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުން ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.