އުތުރުގެ ފަތުރުވެރިކަމާއި އިޤްތިޞާދާއި ގުޅިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހި ވަންތަކަމާއި ސަޤާފަތުގެ ރީތި މިސާލެއް ދައްކުވައިދޭ ތަނެކެވެ.
މުޅިން އައު މަޝްރޫޢެއްގެ ދަށުން މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ދިވެހިވަންތަ ގޮތްތަކާއި އާދަކާދަތައް ދިރުވައި، އެކަންކަން ދައްކުވައިދޭފަދަ ގޮތަކަށެވެ. އެއަރޕޯޓުގެ އެތެރޭގައި އެކި ހިސާބުތަކުން މިފަދަ ހިތްގައިމު މަންޒަރުތައް ފެންނަން އެބަހުއްޓެވެ.
އެއަރޕޯޓުގެ އެރައިވަލް ހޯލަށް ވަންނަ މީހަކަށް އެންމެ ފުރަތަމަވެސް ފެނިގެންދާނީ، ދިވެހި ކަނޑުތަކުގެ ރީތިކަމާއި ފުރިހަމަކަން ދައްކުވައިދޭ، މަންތާތަކެއް ނުވަތަ މޫދު މަޑިތަކެއް ހިމެނޭ ތްރީޑީ (3D) ކުރެހުމެކެވެ. މި ކުރެހުމުން ރާއްޖޭގެ ކަނޑުއަޑީގެ ފޮރުވިފައިވާ ރީތިކަމާއި، މުރަކައިގެ މާހައުލުގައި މަޑުމަޑުން ދަތުރުކުރާ މި ދިރުންތަކުގެ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.
ކުޑަ ތަންކޮޅަކަށް ހިންގާލުމުން، ދިވެހި ތާރީޚީ މިސްކިތްތަކާއި ޢިމާރާތްތަކުގައި ބޭނުންކޮށްފައި ހުންނަ ހިރިގަލުގެ ކުރެހުންތައް ރަމްޒުކޮށްދޭ ތްރީޑީ މަންޒަރެއް ފެނިގެންދެއެވެ. މި މަންޒަރުން ދިވެހިންގެ މަސައްކަތްތެރިކަމުގެ ހުނަރާއި، ދިވެހިވަންތަ ޢިމާރާތްތަކުގެ ރީތިކަން ހަނދާންކޮށްދީ، ޤައުމުގެ ދިގު ތާރީޚާއި ސަޤާފަތުގެ މުއްސަނދިކަން ހާމަކޮށްދެއެވެ.
އެރައިވަލް ހޯލުން ލަގެޖު ނަގާ ތަނަށް ދާއިރު، ރާއްޖޭގެ ފަރުތަކާއި މަހުގެ ދިރިއުޅުން ދައްކުވައިދޭ ފުރިހަމަ ކުރެހުމެއް ފެންނާނެއެވެ. މި ކުރެހުމުގައި ރާއްޖޭގެ ފަރުތަކުން އާންމުކޮށް ފެންނަ މަހެއް ހިމަނާފައިވެއެވެ.
މި ކުރެހުމާ ޖެހިގެން ފިލާކޮށައިގެން މަށާފައި ހުންނަ މަންޒަރެއްވެސް ފެންނާނެއެވެ. މި މަންޒަރުތަކުން ރާއްޖޭގެ ރަށްތައް ހުންނަ ގޮތާއި، ޖަޒީރާވަންތަ ދިރިއުޅުމުގެ ރީތިކަން ދައްކުވައިދެއެވެ. އަދި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ބޭނުންކުރާ ސަޤާފީ އުޅަނދުފަހަރުވެސް މި މަންޒަރުގައި ހިމަނާފައިވާތީ، ދިވެހި ރަށްފުށުގެ އާދައިގެ ދިރިއުޅުމުގެ ހިތްގައިމުކަން ހިތްތަކަށް ސިފަވެގެންދެއެވެ.
އެއާ ޖެހިގެން އިންނާނީ ދިވެހި ކަސަބު އުފެއްދުމާއި، ކަސަބު އެޅި ލިބާސް ހުރި މަންޒަރެކެވެ. މި މަންޒަރުން ދިވެހި އަންހެނުންގެ މަސައްކަތްތެރިކަމާއި، ޤައުމީ ފޭރާން ކަމުގައިވާ ލިބާހުގެ ހިތްގައިމުކަން ވަރަށް ރީތިކޮށް ދައްކުވައިދެއެވެ.
އެއަށްފަހު ފެންނާނީ ރާއްޖޭގެ ތަފާތު ރަށްރަށުގައި ހުންނަ ފާތަކާއި ކުޅިތަކެވެ. މި މަންޒަރުން ދިވެހި ޤުދުރަތީ މާހައުލުގެ ތަފާތުކަމާއި، ފެހިކަމާއި، އުފާވެރިކަން ދައްކުވައިދެއެވެ.
އެރައިވަލް ހޯލުން ލަގެޖު ބެލްޓުތަކާ ދިމާލަށް ދާއިރު، ދިވެހި ސަޤާފަތުގެ އަސްލު ރަމްޒުކޮށްދޭ އިތުރު ދެ މަންޒަރެއް ފެނިގެންދެއެވެ. އެއް މަންޒަރަކީ ދިވެހި ލިޔެލާޖެހުމުގެ ފުރިހަމަ ރީތިކަން ހިމެނޭ މަންޒަރެކެވެ.
އަނެއް މަންޒަރުގައި، ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ސަޤާފީ ކުޅިވަރެއް ކަމަށްވާ ބޮޑުބެރުޖެހުމާއި، އީދު ކުޅިވަރުތަކުގެ ތެރެއިން ކޯޑި ކެނޑުން، ބޮޑުމަސްކުޅުން، ދަނޑި ޖެހުން، ދަފި ނެގުން އަދި ބަނޑިޔާ ޖެހުން ފަދަ ކުޅިވަރުތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.
މި މަންޒަރުތަކުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އެކަންކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރަމްޒުކޮށްދެއެވެ.
ލަގެޖު ބެލްޓުތަކުގެ ކައިރިން ފެންނާނީ ދިވެހިންގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު ހާދިސާއެއް ރަމްޒުކޮށްދޭ ކުރެހުމެކެވެ. މި ކުރެހުމުން ދައްކުވައިދެނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ބޮޑު ތަކުރުފާނު ކުރެއްވި ޖިހާދުގެ ހިތްވަރާއި ފަންވަރެވެ. މި މަންޒަރުން ދިވެހި ޤައުމިއްޔަތާއި ޤުރުބާނީގެ ރޫޙު އައުކޮށްދެއެވެ.
ޓަރމިނަލުން ބޭރަށް ނިކުންނަ ގޭޓު ކައިރީގައި، ދިވެހިބަހުގެ އަސްލުކަމަށްވާ ތާނަ އަކުރުތަކާއި، ދިވެހި ތާރީޚުގެ މުހިންމު ބައެއްކަމަށްވާ ލޯމާފާނު އަދި ދިވެހި ސަޤާފަތުގައި ބޭނުންކުރާ ސަންގު ހިމަނައިގެން ކުރަހާފައިވާ ރީތި މަންޒަރެއް ފެންނާނެއެވެ. މި ކުރެހުމަކީ ދިވެހިބަހާއި ތާރީޚަށް ދެވޭ ޤަދަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޓަރމިނަލްގެ މަތީ ފަންގިފިލާއަކީ ބައިނަލްއަޤުވާމީ އުދުހުންތަކަށް ޚާއްޞަކުރެވިފައިވާ ބަޔެކެވެ. މި ފަންގިފިލާއަށް އަރަން ދެ ފަރާތުގައިވެސް ސިޑިއާއި، އެސްކެލޭޓަރާއި ލިފްޓު ހުރެއެވެ. މަތީ ފަންގިފިލާއަށް އަރާއިރުގެ އެއް ފަރާތުން ފެންނާނީ ދިވެހި ރުއްގަސްތަކުގެ ރީތި މަންޒަރެކެވެ.
މި މަންޒަރުގައި ތްރީޑީ ކުރުނބާތަކެއްވެސް ހުރުމުން، މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަނެއް ފަރާތުގައި ފެންނާނީ ދިވެހި އާދަކާދައިގެ ތެރޭގައި ހިމެނޭ ދެ ފެހުރިހިއެވެ. މި މަންޒަރުތަކުން ދިވެހި ރާއްޖޭގެ ކަނޑުތަކުގެ ރީތި މާޙައުލާއި ސަޤާފަތް ފުރިހަމައަށް ދައްކުވައިދެއެވެ.
މިފަދަ ރީތި މަންޒަރުތަކަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގައި ދިވެހި ސަޤާފަތާއި އާދަކާދައަށް ދީފައިވާ އަހައްމިއްޔަތު ދައްކުވައިދޭ ހެތްކެކެވެ. އެއަރޕޯޓަށް އަންނަ ކޮންމެ މީހެއްގެ ހިތުގައި ދިވެހިވަންތަކަމުގެ ރީތި ތަސައްވުރެއް މިފަދަ މަންޒަރުތަކުން ދެމިގެންދާނެއެވެ.
ހަނިމާދޫ އެއަރޕޯޓަކީ ހަމައެކަނި ދަތުރުފަތުރުގެ މަރުކަޒެއްގެ ގޮތުގައި ނުހުރެ، ދިވެހި ޤައުމިއްޔަތާއި ސަޤާފަތުގެ ދިރިހުރި މިއުޒިއަމެއް ފަދައިން ބޭނުންކުރެވިފައިވާ ކަމީ ފަޚުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.