ޚަބަރު

ހަނިމާދޫ އެއަރޕޯޓަށްއައި ކުރިއެރުން: ރައްޔިތުންގެ އަހަރުތަކެއްވީ އުންމީދުތައް ހަޤީގަތަކަށް!


  • އައު ޓަރމިނަލާއެކު ގިނަ ގުނަ ފައިދާތަކެއް ލިބޭނެކަމަށް ރައްޔިތުން ގަބޫލުކުރޭ

  • މިޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 9ވަނަ ދުވަހު

ދިވެހިރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި، އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުވުމެވެ.

ހަނިމާދޫގައި މީގެ 35 ވަރަކަށް އަހަރު ހުޅުވި އެއަޕޯޓު 2012ވަނަ އަހަރު އިންޓަރނޭޝަނަލް ފެންޗަރަށް ބަދަލުކުރެވުނު ނަމަވެސް މީހާތަނަށް ހިންގަމުންދިޔައީ ނުހަނި ދަތިގޮތަކަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ނިމުމުން ޖަގައިގެން މައްސަލައަށް ޙައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ނިމި، ހުޅުވުމަށް ތައްޔާރުވެފައިވާއިުރު، މިއީ ހަނިމާދޫގެ ރައްޔިތުންނާއި، ބޮޑު ތިލަދުންމަތީގެ ރައްޔިތުން އެތައް އަހަރުކުރީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލުތަކަށް އެދި، އެއަރޕޯޓުގެ ބޭނުންކުރަން ފެށުމަށް ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ އަދި ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަކީ، އުތުރުގެ ރައްޔިތުންނަށް އޭގެ ސަބަބުން އެތައް ފަސޭހައަކާއި، އެތައް މަންފާއެއް ލިބިގެންދާނެ ކަމެކެވެ. އައު ޓަރމިނަލްގެ މަސައްކަތް ނިމި ހުޅުވުމަށް ކައިރިވެފައިވާއިރު، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ އުފާވެރިކަމާއި އުންމީދު ދަނީ ފާޅުކުރަމުންނެވެ. މި އެއަރޕޯޓަކީ ހަމައެކަނި ދަތުރުފަތުރަށް އައި އިތުރު ކުރިއެރުމެއްގެ އިތުރުން، ބޮޑު ތިލަދުންމަތީގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމުގެ މައި ދޮރެއްގެ ގޮތުގައި ރައްޔިތުން ދެކެއެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް ބައިވަރު ވަޒީފާގެ ފުރުސަތުތައްވެސް ފަޖިވެގެންދާނެ. އަދި ވަރަށް ބޮޑަށް ހީވޭ ޓުއަރިޒަމް ދާއިރާވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެކަން. އޭޒް އަ ހަނިމާދޫ ވުމެން، ވަރަށް ބޮޑަށް ޕްރައުޑް ވޭ، ބޮޑު ޓަރމިނަލެއް، އަދި ރާއްޖޭގަވެސް އޮތް އެންމެ ރީތި ޓަރމިނަލް މިރަށުގަ ހުރީމަ. ރައްޔިތަކު ކިޔައިދިނެވެ.

"ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ. ދެން މިރަށަށާއި މުޅި އުތުރުގެ ރަށްތަަކަށް ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް އަޅުގަނޑަށް ބެލެވެނީ" އުމުރުން އެންމެ 18 އަހަރުގެ އިސްމާއީލް އާންމު ފަރާތަކުން ކިޔައިދިނެވެ.

ރަށުގެ ހަރު އުމުރުފުރާގެ ރައްޔިތުން ތިބީ މި އެއަރޕޯޓު ހުޅުވާ ދުވަހުގެ އިންތިޒާރުގައެވެ. އެއީ މި އެއަރޕޯޓުގެ ސަބަބުން އެމީހުންގެ ދަރިންނަށާއި ދަރީންގެ ދަރިންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެތީއެވެ.

"މިހާރު ކުރިއަށްވުރެ މާ ބޮޑަށް ތަރައްޤީވެފަވާ އެއަރޕޯޓެއް އަޅުގަނޑުމެންނަށް މި ލިބިގެންދިޔައީ. ވަރަށް އުފާވޭ ދެން މިއަދު ދައްތަމެން ކިތަންމެ މުސްކުޅިވިއެއްކަމަކު ދައްތަމެން ދަރިންނާ މާމަ ދަރިން އެތަން ބޭނުންކުރާނެ. އެހެންވީމާ ވަރަށް އުފާވޭ ރަށުގެ ތިބެގެން ހުރިހާ ކުދިންނަށްވެސް ވަޒީފާ ލިބި އުޅެވޭ ގޮތް ފަހިވެގެންދިޔައީމަ" އައިމިނާ ކިޔައިދިނެވެ.

ރަށު ރައްޔިތުންނަށް އެއަރޕޯޓެއް ނުވަތަ ޓަރމިނަލެއް މިރަށުގައި ޤާއިމްކުރުމުގެ އިހުސާސް ކުރެވެނީ މިއަދުއެވެ. ރާއްޖެއިން ބޭރުން ފެންނަ އެއަރޕޯޓާއި އެއްފެންވަރުގެ ތަނެއް މިރަށުގައި ޤާއިމްކުރެވިގެން ދިއުމާއެކު ރަށު ރައްޔިތުން ތިބީ ވަރަށް އުފަލުގައެވެ.

"ކުރީގެ ޓަރމިނަލަކީ ޓަރމިނަލެއް ނޫން، އެއީ ގެޔެއް. މިހާރު އަދި ކިރިޔާ އެ ޓަރމިނަލެއް މިރަށް އެ އައީ. ކުރިން އެއީ ހަަމަ ސީދާ ގެއެއް" އަބްދުލް ވާހިދު އިބްރާހިމް (އިބްރާހިމްބެ) ކިޔައިދިނެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ، އުތުރުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދެކެމުންއައި ހުވަފެނެކެވެ. މި ހުވަފެން ޙަޤީޤަތަކަށް ވެގެންދާއިރު، ވަޒީފާގެ ފުރުޞަތުތަކާއި، ގެސްޓްހައުސް އިންޑަސްޓްރީ ފުޅާވުމާއި، ބޮޑު ތިލަދުންމަތީގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުމުގެ އުންމީދުގައި ރައްޔިތުން ދަނީ އިންތިޒާރު ކުރަމުންނެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް މުހިންމު ބަދަލެއްކަން ޔަޤީނެވެ.