ޚަބަރު

މަސްވެރިކަމުގެ ލައިސެންސަށް އެދި ދެން ހުށަހެޅޭނީ "ކެޔޮޅު ވެބް-ޕޯޓަލް" މެދުވެރިކޮށް


  • މިމަހު 23އިން ފެށިގެން ލައިސަންސް އައުކުރާ ފޯމް ބަލައިގަންނާނީ ޕޯޓަލް މެދުވެރިކޮށް

  • ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސް ފޯމް ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށް

މަސްވެރިކަމުގެ ލައިސަންސަށް އެދި ދެން ހުށަހެޅޭނީ ކެޔޮޅު ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން 'ކެޔޮޅު' ވެބް-ޕޯޓަލް މެދުވެރިކޮށް މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމުވަނީ މިހާރު ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން، 4 ނޮވެންބަރުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު އެ ވުޒާރާއިން ބަލައިގަންނާނީ އެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމް، 23 ނޮވެންބަރުން ފެށިގެން ބަލަގަންނާނީވެސް މި އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވިދާޅުވިއެވެ. 'ކެޔޮޅު' ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.

'ކެޔޮޅު' ޕޯޓަލް އަކީ މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން އެ ވުޒާރާއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިހާރުވެސް އެ ވުޒާރާއިން ބޭނުންކުރަމުންދާ ވަޞީލަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް އެ ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކޮށްފައިވެއެވެ. މީގެ އިތުރުން އެންމެފަހުން ހުއްދަ ކުރި ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމް އެ ވުޒާރާއިން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.