ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިންގ ނިޒާމެއް ތަޢާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހަނިމާދޫގައި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ޤާއިމްކުރި ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ހުޅުއްވައިދެއްވާ ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ސާފު ކަނޑުތަކާއި ނާޒުކު ވެއްޓަށް ތިމާވެށި ހީނަރުވުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، ހުޅުމާލޭގައި ދިރިއުޅޭ ގޭބިސީތަކުން އެކަނިވެސް އަހަރަކު 3 މިލިޔަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާކަމަށެވެ. އަދި މި ކޮތަޅުތައް މުޅިން ފަނާވުމަށް 20 އަހަރު ހޭދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ސައިންޓިފިކް ދިރާސާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ކަންބޮޑުވުން އުފެދޭ ހަގީގަތެއް ޢިލްމީގޮތުން ކަށަވަރުކޮށްދީފައިވާކަމަށެވެ. އެއީ މައިކްރޯޕްލާސްޓިކް ކުނޑިތައް އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގައާއި ލޭގެ ނިޒާމުގައި ދައުރުވާ ކަމުގެ ހެކިތަކެވެ. މި ނުރައްކާތެރި މާއްދާތައް އިންސާނުންގެ ހަށިގަނޑަށް ވަންނަނީ ނޭވާލާ ނިޒާމުގެ ޒަރީޢާއިންނާއި، ކާނާއިންނާއި، ބޯފެން މެދުވެރިކޮށްކަމަށާއި، މިއީ ދުޅަހެޔޮ ޞިއްޙަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ހައްލުތަކަކީ މުޖުތަމަޢުގެ ޢަމަލީ ދިރިއުޅުމާ ގުޅިލާމެހިފައިވާ ހައްލުތަކަކަށް ވާން ކޮންމެހެން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި މަރުކަޒަކީ އަމަލީ އީޖާދީ ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެއްކަމަށް ވިދާޅުވިއެވެ. މިތަނުން އުފައްދާ ބަޔޯޕްލާސްޓިކް ކޮތަޅުތަކަކީ އާންމު ޕްލާސްޓިކް ކޮތަޅުތަކެކޭ އެއްފަދައިން ބޭނުންކުރެވޭ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވާއިރު މި ކޮތަޅުތަކުގެ ޚާއްޞަކަމަކީ ތިމާވެށްޓާ ރައްޓެހި، ގުދުރަތީގޮތުން މުޅިން ފަނާވެދާނެ ބާވަތެއްގެ ތަކެތި ކަމުގައިވުންކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުން އުފެދޭ ކުންޏާއި ގޭބިސީތަކުން އުފެދޭ ކުނި މެނޭޖްކުރުމަށް ސިގްސްއިން ދިރާސާކުރުމާއި، ދެމެހެއްޓެނިވި އާދަތައް ކުރިއެރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަން ދަނޑުވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ކާބޯތަކެތީގެ އިސްރާފު މަދުކުރުމުގެ މަސައްކަތްތަކާ ގުޅިލާމެހިފައިވާ ކަންކަމަށްވާއިރު މިފަދަ އިސްނެގުންތަކަކީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން މަދުކޮށް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް
ވިދާޅުވިއެވެ.
ވަޒީރު މާރިޔާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ އުފެއްދުންތަކަށް، ޚާއްޞަކޮށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިންގ ނިޒާމެއް ތަޢާރަފުކުރުމުގުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްޤީގެ ނިޒާމެއް ޤާއިމުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ
"މި މަޝްރޫޢަކީ، ވޯލްޑް ބޭންކްގެ "ޕްލީޒް" އިނީޝިއޭޓިވްގެ ދަށުން މާލީ އެހީތެރިކަން ލިބި، ސެކެޕް އަދި ޔުނޮޕްސްއާ ގުޅިގެން ތަންފީޒުކުރެވިފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ މަޝްރޫޢެއް. މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޢިލްމީ ތަޖުރިބާއާއި ރަށުފެންވަރުގެ އީޖާދީ ޚިޔާލުތައް އެއްކޮށްގެން ޙާޞިލުކުރެވިދާނެ ކަންކަމުގެ ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަން" ވަޒީރު މާރިޔާ ވިދާޅުވިއެވެ.
ދިވެހިންގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް، އެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓް ހޯދައިދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައެވެ. އެކަމަށްޓަކައި ކަންކަން ރާއްވަވައި ތަންފީޒުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތުގެ ދަށުން، ދިވެހި އުފެއްދުންތަކުގެ ޕެކޭޖިންގ ފެންވަރު ރަނގަޅުކުރެއްވުމަށްވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.