ޚަބަރު

"ރާއްޖޭގެ އުތުރުން ދެކުނަށް މިފްކޯގެ 23 އައިސްޕްލާންޓަކުން މިހާރު ޚިދުމަތް ލިބޭނެ"


  • މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުން

  • މަހުގެ ތާޒާކަން ހިފަހައްޓަކައި އެ ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެހީތެރިވާނެ

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 23 އައިސްޕްލާންޓަކުން މިހާރު މަސްވެރިނަށް ޚިދުމަތް ލިބޭނެކަމަށް މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. ފަރުހަތު މިހެން ވިދާޅުވީ ދ. އަތޮޅު މީދޫގައި މިފްކޯއިން ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

މި އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވަޢުދުފުޅު ފުއްދެވުމުގެގޮތުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް އަދި ރާއްޖޭގެ އެހެން މަސް ގަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިއަސް އެ މަސް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށްކަމަށެވެ. އެހެންކަމުން މި އައިސްޕްލާންޓުތައް ބޭނުންކޮށްގެން މަހުގެ ތާޒާކަން ހިފަހައްޓަކައި އެ ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން އޭނާ ފަހަގަކުރެއްވިއެވެ.

ފަރުހަތު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންނުކޮށްހުރި އެތައް އައިސްޕްލާންޓުތަކެއް ހުރިކަމަށެވެ. ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބޭ ހުރީ އެންމެ 13 އައިސްޕްލާންޓު ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތްތަކުން އޮޕްރޭޝަނަށް ނުގެނެވި ހުރި އައިސްޕްލާންޓުތަކާއި އަދި އަލަށް ޤާއިމްކޮށް ޚިދުމަތް ދޭން ފެށުނު އައިސްޕްލާންޓުތަކާއެކު މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށް ފަރުހަތު ވިދާޅުވިއެވެ.

"މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން." ފަރުހަތު ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ މަސައްކަތަކީ ހަމައެކަނި އައިސްޕްލާންޓުތައް ޤައިމްކޮށް ދޫކޮށްލުން ނޫންކަމަށެވެ. އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި އޭގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނާ ހަމަ ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއްކަމަށް ފަރުހަތު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދިނުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.