އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް ވަނީ 8.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޞިއްޙީ ދައިރާއަށް، ބޮޑު އިންސައްތައެއް ކަނޑައަޅުއްވާފައިވާނެކަމަށް ސަރުކާރުންވަނީ މީގެކުރިންވެސް ހާމަކުރައްވާފައެވެ.
އެގޮތުން 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޞިއްޙީ ދާއިރާގެ އެކި ކަންކަމަށް، 8.8 ބިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މީގެތެރޭގައި ބޭސްފަރުވާގެ އެހީއާއި، ޞިއްޙީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާވަނީ ހިމަނާފައެވެ. އަދި ޞިއްޙީ ދާއިރާއިން އެކި ދިރާސާތައް ކުރުމަށްވަނީ 15 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.
ޕީއެސްއައިޕީގެ ތެރެއިން ޞިއްޙީ ދާއިރާގެ ތަރައްޤީއަށްވެސް ބޮޑު ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން ޞިއްޙީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 917 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ކަނޑައަޅާފައެވެ. މީގެތެރެއިން ހޮސްޕިޓަލްސް ތަރައްޤީކުރުމަށް 430 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ކަނޑައަޅާފައެވެ. އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް 232 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާއިރު، ނަފްސާނީ ދުޅަހެޔޮކަމާއި ރިހިބިލިޓޭޝަނަށް 102 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ބަޖެޓްކޮށްފައެވެ.
ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، އެކި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ އިތުރުން، އައު ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު ބިނާކުރުމަށާއި ސިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމަށްވެސް ބަޖެޓުގައި ބޮޑު އިންސައްތައެއް އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.