އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި، ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް، 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. އަންނަ އަހަރު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް 2026 ވަނަ އަހަރުގެ ބަޖެޓު ބަޔާން އިއްވަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަށް ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ކައުންސިލްތަކަށް ދޭ އެހީއެއްކަމަށެވެ. އެގޮތުން ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާވަނީ ކައުންސިލްތަކަށް ދޭން ކަނޑައަޅާފައެވެ.
މާލީ ވަޒީރު ވިދާޅުވީ ބްލޮކް ގްރާންޓުން ޚަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމަވާފައިވާކަމަށެވެ.
"2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާ. ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެއް." ވަޒީރު ވިދާޅުވިއެވެ.
ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޭ މިންވަރު އަންނަ އަހަރު އިތުރުވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މައިގަނޑު ސަބަބަކީ، އަންނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލާއެކު، އަތޮޅުކައުންސިލްތައް އުވިގެން ދިޔުމެވެ. އެއާއެކު ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ ބަޖެޓަކީ، ރަށުގެ އާބާދީގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑު މިނަށް ބަލައިގެން ދޫކުރާ ގްރާންޓަކަށް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.