ތިމާވެށި

މިޔަރާއި މަޑި ޙިމާޔަތްކުރުމާ ގުޅޭ މަހާސިންތާއެއް ފަށައިފި


ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ތަފާތު ބާވަތްތަކުގެ މިޔަރާއި ޚާއްޞަކޮށް އައިންމަތީ މިޔަރާއި މަޑީގެ ބާވަތްތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ މަންދޫބުންނާއެކު ޚާއްޞަ ސިމްޕޯޒިއަމެއް ރާއްޖޭގައި ފަށައިފިއެވެ.

"ދަ ސެކަންޑް އިންޓަރނޭޝަނަލް ޝާކް އެންޑް ރޭ ކޮންޒަވޭޝަން ސިމްޕޯޒިއަމް" ގެ ނަމުގައި ބ. އަތޮޅުގެ ރިޒޯޓެއްކަމަށްވާ ފޯރ ސީޒަންސް ލަނޑާގިރާވަރުގައި ކުރިއަށްދާ މި ބައްދަލުވުމަކީ، އަންނަމަހު ސައުތުއެފްރިކާގެ ޖޮހަނަސްބަރގްގައި ބާއްވާ ސައިޓީސް ކޮޕް ސެވަންޓީންގެ ބައްދަލުވުމަށް ރާއްޖެއިން ހުށައަޅާ ޕްރޮޕޯޒަލްއަށް ޤައުމުތަކުގެ ތާއީދު ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ބައެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކުގެ އެއްޗިހީގެ ވިޔަފާރި ކޮންޓްރޯލްކުރުމާ ގުޅޭ މުޢާހަދާ، ސައިޓީސްގެ ދަށުން މިފަހަރު ރާއްޖެއިން ހުށައަޅާނީ، އައިންމަތީ މިޔަރު ޙިމާޔަތްކުރުމުގެ ޕްރޮޕޯޒަލެކެވެ. މިއަދު ފެށި ސިމްޕޯޒިއަމްގައި ބައިވެރިވާ ޤައުމުތަކަކީ ދުނިޔެއިން ނެތެމުންދާ މިޔަރާއި، މަޑީގެ ބާވަތްތައް ޙިމާޔަތްކޮށް މިބާވަތުގެ އެއްޗެހި ޙިމާޔަތްކުރަން ތައްޔާރަށް އޮތް ގައުމުތައް ކަމަށްވާއިރު، މީގެތެރޭގައި ސްރީލަންކާއާއި، ފިޖީފަދަ ޤައުމުތައް ހިމެނެއެވެ.

މި ސިމްޕޯޒިއަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވީ، ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާ ހިތްވަރުދެއްވާނެކަމަށެވެ. އެއާއެކު، ރާއްޖެއިން ޙިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެމަސްވެރިކާމާއި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ކުރިއެރުން ލިބެމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައ ރާއްޖެއިން ކޮޕް ސެވަންޓީންގެ ބައްދަލުވުމަށް ހުށައަޅާފައިވާ އައިންމަތީ މިޔަރު ޙިމާޔަތްކުރުމުގެ ޕްރޮޕޯޒަލަށް ދުނިޔޭގެ ތަފާތު ގިނަ ޤައުމުތަކެއްގެ ތާއީދު ލިބެމުން އަންނަކަމަށް ވިދާޅުވިއެވެ.

މިޔަރާއި، މަޑި ޙިމާޔަތްކުރެވިދާނެ ގޮތްތަކާއި، ދުނިޔޭގެ ފެންވަރުގައި އެކި ޖަމްޢިއްޔާތަކުން ކުރާ މަސަކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ދެދުވަހުގެ މި ސިމްޕޯޒިއަމްގައި ތަޖުރިބާކާރުން މިއަދު ހުށައެޅުއްވިއެވެ. މިއަދުގެ ސެޝަންގައި ބ. އަތޮޅު ބަޔޮސްފިޔަރ ރިޒަރވްގެ ފަރާތުން މިޔަރާއި، މަޑި ޙިމާޔަތްކުރުމަށް ކުރަމުން އަންނަ މަސަކަތްވެސް ވަނީ ސިމްޕޯޒިއަމްގައި ޙިއްޞާކޮށްފައެވެ. އަދިކަނޑުގެ ދިރުން ޙިމާޔަތްކޮށް ދިރުވުމަށް ކުރަމުން އަންނަ މަސަކަތްތައްވެސް ފޯސީޒަންސް ލަނޑާގިރާވަރުގައި ވަނީ ހުށަހަޅާދީފައެވެ.