ޚަބަރު

ދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކާނެ

ކ. ދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ދިއްފުށީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. އަދި ތުލުސްދޫ ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ ދަށުން އެރަށަށް އިތުރު 30 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެ، ބޯހިޔާވަހިކަމާއި އިޤްތިޞާދީ އަދި ވިޔަފާރީގެ އިތުރު ހަރަކާތްތަކަށް ބޭނުންވާ ޖާގަ ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.