ޅ. ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
ހިންނަވަރުގައި ޤާއިމްކޮށްފައިވާ ފެނަކަ އޮފީސް ހުޅުއްވާދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ހިންނަވަރުގެ ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފެނަކަ އޮފީސް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ހިންނަވަރު ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.
މި އޮފީސް ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އޮފީސް ބައްލަވާލައްވާފައެވެ.