ޚަބަރު

ރަސްފަންނު ތަރައްޤީކުރުން: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި


  • މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރާނެ

  • ފާޚާނާބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރާނެ

ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ.

ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.

އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް މިތަނުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ގިނަ ތަންތަން މިހާރު ބޭނުން ނުކުރެވެއެވެ.

ރަސްފަންނަކީ މީހުންނަށް ހިތްފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތުގެ ދަށުން ފެންހިންދާ ނިޒާމުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ. އިތުރު މަސައްކަތްތަކުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަވަނީ، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތެވެ. އެގޮތުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ. އެކަމަށް ބޭނުންވާ ބިން މިހާރު އެމް.ޑަބްލިއު.އެސް.ސީއާއި ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުން ރަސްފަންނަށް ގެންނަ ބަދަލާއެކު، އެތަން ބޭނުން ކުރާ މީހުންނަށް ހިތްފަސޭހަ މާޙައުލަކާއެކު، ބޭނުންވާ މުހިންމު ވަސީލަތްތައްވެސް ޤާއިމްކުރާނެއެވެ. ރަސްފަންނުވެފަވަނީ ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދަކަށެވެ. ޚާއްސަކޮށް ހަފްތާ ބަންދުގައި ތުއްތު ކުދިން ގޮވައިން އާއިލީ ހަރަކާތްތައް ބާއްވާ ސަރަޙައްދަކަށެވެ.