ތިމާވެށި

އޯޒޯން ފަށަލައަށް ގެއްލުންދޭ ގޭހާގުޅޭ ވޯކްޝޮޕެއް ބާއްވައިފި


ދުނިޔޭގެ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާނެ މާއްދާތަކަކީ ކޮބައިކަން ދެނެގަނެ، އިންވެންޓްރީއެއް އެކުލަވާލެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ފަށްޓަވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިކަމާ ބެހޭގޮތުން ކަމާގުޅޭ ދާއިރާތުގެ ޚިޔާލު ހޯއްދެވުމުގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވާފައެވެ. މި މަސައްކަތު ބައްދަލުވުމުގައި، އޯޒަން ފަށަލައަށް ގެއްލުންދޭ މާއްދާތަކަކީ ކޮބައިކަން ދެނެގަނެ، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރުމަށް ރާއްޖެއަށް ޢާއްމުކޮށް އެތެރެކުރާ ގޭހަކީ ކޮބައިކަމާއި، އެތެރެކުރާ މިންވަރު ދެނެގަނެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އެންޑް އެނަރޖީ ޢަބްދުﷲ މަޖީދު ވިދާޅުވީ، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ މާއްދާއެއް ކަމަށްވާ އެޗްސީއެފްސީ، ރާއްޖެއިން ބައިވެރިވެފައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް މުޢާހަދާގައި ބަޔާންކޮށްފައިވާ ގޮތަށް، ކޮންޓްރޯލްކޮށް މެނޭޖްކުރާނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމާބެހޭ  މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރ މައުމޫން ޢަބްދުއްރަޝީދު ވިދާޅުވީ، އެޗްސީއެފްސީގެ ބަދަލުގައި މިހާރު މާކެޓުގައި ލިބެން ހުރި ގޭސް ބޭނުންކުރުމުގައި ބަލާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ ދާއިރާކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ ގޭސް ބޭނުންކުރާ މިންވަރު މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ދެނެގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

''މައިގަނޑު ދެ ސެކްޓަރ ފިޝަރީޒް އަދި ޓޫރިޒަމްގައި ބޭނުންކުރަނީ ކިހާ ވަރަކަށްތޯ ބަލަން އެބަޖެހޭ. މޮންޓްރިއަލް ޕްރޮޓޮކޯލްގަވެސް ވާހަކަދެވޭއިރު، ދުނިޔެ ހޫނުވުމަށް މަގުފަހިކުރުވާ ގޭސް ކޮންޓްރޯލް ކޮށް މެނޭޖްކުރަންޖެހޭ މިހާތަނަށް މިގޭސް އެތެރެކުރެވިފައި ހުރި މިންވަރު ބަލަންޖެހޭ، 2030 މި ގޭހުގެ ޓްރެންޑު ދަނީ ކިހާވަރަކަށްތޯ ބަލަންޖެހޭ.'' އެންވަޔަރަމަންޓް މިނިސްޓްރީގެ ޕްރޮޖެކްޓް އޮފިސަރ މައުމޫން ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، މިމަސައްކަތު ބައްދަލުވުމުގެ އަލީގައި އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައި އެކުލަވާލައްވާ އިންވެންޓްރީ އަންނަ މަހުގެ ނިޔަލަށް ނިންމަވާލެއްވޭނެ ކަމަށެވެ.

އެއްދުވަހަށް ކުރިއަށްދާ މިބައްދަލުވުމުގައި، ކަމާ ގުޅުހުން ހުރި ދާއިރާތަކުން 20 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.