ޚަބަރު

"ސަގާފަތާއި އާދަކާދަ އަދި ފޯކްލޯގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނެ"


  • ޗައިނާގެ އެއްބާރުލުމާއެކު ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ

  • ސިނަމާލެ ބްރިޖަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް

ރާއްޖޭގެ ސަގާފަތާއި އާދަކާދަ، އަދި ފޯކްލޯ ކޮންޓެންޓުގެ އެހީގައި ފަތުރުވެރިކަން އިތުރަށް މުއްސަނދިކުރެވި، ކުރިއެރުވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ޔާމީން އަޙުމަދު ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ޗައިނާގެ ޒެންގްޒޯގައި ބޭއްވި އިންޓަނޭޝަނަލް މޭޔަރުންގެ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

ޗައިނާގެ ޒެންގްޒޯގައި ބޭއްވި އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ޔާމީން އަޙުމަދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާއާއި ރާއްޖޭގެ ގާތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި، ދެ ޤައުމަށްވެސް ފައިދާ ކުރާނެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އެގޮތުން، ޗައިނާގެ އެހީގައި ބިނާކުރެވުނު ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ގާތް އެކުވެރިކަން ދައްކުވައިދޭ އެންމެ ބޮޑު ނިޝާން ކަމަށާއި، މި ބްރިޖަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެއްބާރުލުމާއެކު ފަތުރުވެރިކަމުގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، މީގެ ސަބަބުން މި ސިނާއަތައް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތް ސިންދިފާތުކޮށް، މި ސިނާއަތުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. ވުމާއެކު، މި އަމާޒަށް ވާސިލުވުމަށްޓަކައި، ސަގާފީ އަދި ތާރީޚީ ތަންތަނަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ހިތްވަރުދީ، މިފަދަ ކޮންޓެންޓްތަކުން ފަތުރުވެރިންގެ ތަޖުރިބާ މުއްސަނދިކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ ދިރުން. ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު ފައިދާއެއް ވަންނަނީ އެ ދާއިރާއިން. ރާއްޖޭގެ ރީތި ކަމަކީ މި ގައުމުގެ ވަރުގަދަކަން. އެކަމުން ފަތުރުވެރިކަމުގެ ދާއިރާފުޅާކުރަންޖެހޭ. އެގޮތުން ރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ޕޯކްލޯ އަކީވެސް ފަތުރުވެރިކަމުގެ ދާއިރާގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ." ޔާމީން ވިދާޅުވިއެވެ.

ވަޒީރުގެ ނައިބު ޔާމީން ވަނީ ޗައިނާއިން ރާއްޖޭގެ ފަތުރުވެރިކަމަށް ވެދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް މޭޔަރސް ފޯރަމް އޮން ޓޫރިޒަމަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ސްޓްރެޓީޖީތަކާއި އައު އީޖާދުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ތަފާތު ޤައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ ތެރެއިން ޗައިނާގެ ސިޓީތަކުގެ މޭޔަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާ ދިވެހިރާއްޖޭގެ ވަފުދުން ބައްދަލުކޮށް، ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ފެނިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލަކަށް ވާއިރު، މި ފޯރަމްގައި ބައިވެރިވުމަކީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.