ޓުއަރިޒަމް

"ތަރައްޤީއަށް ހުރަސްއެޅުމަށް ދައްކަނީ ޚިޔާލީ ވާހަކަތަކެއް"


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ހުރަސްއެޅޭފަދަ ގޮތްތަކަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ޚިޔާލީ ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ފުޑް އެންޑް ހޮސްޕިޓާލިޓީ އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން. މިނިސްޓަރ ވިދާޅުވީ ޢިޤްތިޞާދީގޮތުން ރާއްޖެ ހޯދަމުން އަންނަ ތަރައްޤީތައް ހުއްޓުވުމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކުން މިކަންތައްތަކަށް މާ ބޮޑު ބުރުލެއް ނާރާކަމަށެވެ. އަދި މިފަދަ ވާހަކަތަށް ފަތުރާމީހުން ކޮންމެ ގޮތަކަށް ވާހަކަތައް ބައްޓަން ކުރިނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ދާނީ ކުރިއަށް ކަމަށާއި، ލެޝަރ ޓޫރިޒަމްގައި ދުނިޔޭގެ އެންމެ ކުރީގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/7466.jpg|ރާއްޖޭގެ ރިސޯޓެއް / ފޮޓޯ: ސެއިންޓް ރީޖެރސް

މިނިސްޓަރު ސަޢީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންނަށް މިއަދަށްވުރެ ފާގަތި މާދަމާއެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އަދި މިފަދަ މަސައްކަތަތަކާއެކު، އަދަށްވުރެ ފަހި މާދަމާއަކަށް ކުރާ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖެހެމުންދާ މަންޒަރު ފެންނަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.