ޚަބަރު

މުންޑޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވި

ހައްދުންމަތި މުންޑޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މުންޑޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މުންޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ލ. މުންޑޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

މުންޑޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ލ. އަތޮޅުގެ ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 18 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.