ޚަބަރު

ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި


  • އަމަލީ މަސައްކަތް ފައްޓަވާދެއްވީ މާލީ ވަޒީރު މޫސާ ޒަމީރު

  • މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް

ހައްދުންމަތީ ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު، އަދި ފުނަދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެެވެ.

ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 2368 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. މި މަޝްރޫޢަށް 6.50 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

ފޮނަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.