ޚަބަރު

މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • މިއީ 23.4 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • މަޝްރޫޢު ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ލ. މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މާވަށު ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ޖުމްލަ 23.4 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ކަންކަން:

- ބަނދަރު ފުންކުރުން
- 10 މޫރިންގ ބޮއެ ހަރުކުރުން
- އެއްގަމުތޮށީގެ ރަށާވީ ފަޅިއަށް ޖިއޯޓެކްސްޓައިލް ލައްވައި މަރާމާތުކުރުން
- 445 މީޓަރުގެ ސްކަވަރ އެޕްރޮން ލުން
- 11×11 މީޓަރުގެ ރޭމްޕެއް ހެދުން
- ބަނދަރުގައި ބައްތި ހަރުކުރުން
- ނެރު ބައްތި ހަރުކުރުން
- ޕޭވްމަންޓް އެޅުން
- 226 މީޓަރު ދިގުމިނުގެ އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން

މި މަޝްރޫޢާއެކު މާވަށަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށާއި، މިއީ ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.