ޚަބަރު

މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މަގުހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އާރްޑީސީއާ

  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީން

ލ. މާވަށުގެ މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ މާވަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުތަކުގައެވެ.

ވަކި ވަކިން ބޭއްވެވި މި ރަސްމިއްޔާތުތަކުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

މި މަޝްރޫޢުގެ ދަށުން މާވަށުގެ މައި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 1.8 ކިލޯ މީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ. މިއީ 51 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މާވަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ވަޒީރު، ޑރ. މުއްޠަލިބާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި މަސައްކަތް އެމްޓީސީސީއަށް ޙަވާލުކޮށްފައިވަނީ 89 މިލިޔަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގަިއ މަސައްކަތް ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ގިރާ ސަރަޙައްދުގައި ޖުމްލަ 1،112 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓާއި، 200 މީޓަރުގެ ޖިއޯބޭގް ގްރޮއިންއާއި، 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 120 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖަހައި، ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އެރަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.