ޚަބަރު

ތާރީޚީ މަޢުލޫމާތު އެއްކުރުމަށް އިސްރަށްވެހިންގެ އިންޓަވިއުނެގުމުގެ މަސައްކަތް ފަށަނީ


  • މި މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވޭ

  • މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ކައުންސިލްތަކާ ވަނީ ހިއްސާކޮށްފައި

ދިރާސީ ބޭނުމަށްޓަކައި ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނަގެމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނަގައި ވާހަކަތައް އެއްކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ކައުންސިލްތަކާ ހިއްސާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީޚީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މަސައްކަތުގެ ބޭނުމަކީ ޢިލްމީ ތާރީޚީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން. ރާއްޖޭގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ތަރިކައިގެ ދާއިރާގެ ސަރުކާރުގެ ސިޔާސަތަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މި ތަރިކައިގެ ދާއިރާގެ ތަކެތި ރައްކާތެރިކޮށް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައިން އާމްދަނީ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމަށްޓަކައި ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަށް ތަރިކަ ހުންނަ ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އަތޮޅުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫޢު މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން ތަރިކަތައް ރައްކާތެރިކަމާއެކު ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަކަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރިކަތައް ބެލެހެއްޓުމުގެ މަގުފަހިވާނެއެވެ. "ޣާރީ ދަރުންގެ އަސަރުތައް ޙިމާޔަތްކުރުން" މި ނަމުން ނަން ދީފައިވާ މި މަޝްރޫޢުގެ ތެރެއިން ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް ޙިމާޔަތްކުރެވޭނެއެވެ.