ޚަބަރު

ޒަކާތާ ގުޅޭ ފޮތްތައް ހަދިޔާކުރުމަށް ހުޅުވާލައިފި


  • ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރެވޭނެ

  • ބޭނުމަކީ އިސްލާމިކް ލައިބްރަރީ އަދި ޑިޖިޓަލް ލައިބްރަރީ މުއްސަނދިކުރުން

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ޒަކާތު ހައުސް އިން ވިދާޅުވީ ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދޭނެކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މަޝްހޫރު ދީނީ ފޮތްތައްކަމަށްވާ ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ ފޮތްތަކުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ހިދާޔަތުގެ އަލި މަޖައްލާ ފަދަ ފޮތްތަކާއި މަޖައްލާތައް މި ލައިބްރަރީގައި އޮންލައިންކޮށް ކިޔެން ހުރެއެވެ.

މީގެ އިތުރުން ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް މި އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ ހަދިޔާކޮށްފައިވެއެވެ. މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.