ތަރައްްޤީ

ފުވައްމުލަކުގެ ފެނާއި ނަރުދަމާ- ތަރަށްޤީގެ ބޮޑު މަޝްރޫޢެއް


ފުވައްމުލަކުގައި ޤާއިމްކުރައްވާ ފެނާއި ނަރުދަމާ ނިޒާމަކީ، ރާއްޖޭގެ ރަށެއްގައި މިހާތަނަށް ޤާއިމްކުރައްވާ އެންމެ ފެންވަރު ރަނގަޅު މިފަދަ ނިޒާމްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއޮގަސްޓްމަސް ނިމުމުގެ ކުރިން ފަށްޓަވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފުވައްމުލަކުގައި ސަރުކާރުން ޤާއިމްކުރައްވާ ފެނާއި ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް މިހާރު ވަނީ ފަހުގެ ތައްޔާރީތައް ކުރައްވާފައެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވީ، މި މަޝްރޫޢު ހިންގެވުމަށް ބޭނުންވާ އޮފީސް ޤާއިމްކުރައްވައި ޢަމަލީގޮތުން މަސައްކަތް ކުރުމަށް ބޭނުންވާ މީހުން އެރަށުގައި މިހާރު ޙަރަކާތްތެރިވަމުން އަންނަކަމަށެވެ. ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަޙުމަދު މުޙައްމަދު ވިދާޅުވީ، ނަރުދަމާގެ މަސައްކަތަތް ނިމުމާއެކު އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފުވަމުލަކުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވާފައި ވަނީ ސްރީލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓަޑާއެވެ. ދެއަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށް އެކުންފުންޏާއި މި މަޝްރޫޢު ޙަވާކުރެއްވީ މި އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަހުއެވެ.

ފުވަމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަޝްރޫޢުއަކީ 285 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. އެއީ ދިވެހި ސަރުކާރުން ޚަރަދު ކުރައްވާ 110 މިލިއަން ފުރިޔާއާއި ކުވައިތު ފަނޑުގެ ލޯނު އެހީގެ ދަށުން ޚަރަދުކުރާ 175 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން ވޯޓަރސަޕްލައި ނެޓްވާރކެއްވެސް މުޅި ރަށުގައި އެޅިގެންދާނެއެވެ. އަދި 500 ޓަނުގެ ފެން ދުވާލަކު ހެދޭ 3  އާރުއޯ ޕްލާންޓްއެރަށުގައި ބަހައްޓަވާނެއެވެ. މީގެއިތުރުން ފެން ރައްކާކުރުމަށް 720 ޓަނުގެ ފެން ރައްކާކުރާ ޓޭންކް ބެހެއްޓެވުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.