ޚަބަރު

އާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް އިތުރަށް ފުރިހަމަކުރުމަށް މަޝްވަރާއެއް


  • ޢާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކަށް މަޝްވަރާކުރި

  • އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރި

ޢާއިލާއާބެހޭ ގަވާއިދަށް ހުށަހަޅާ އިސްލާހުތައް ފުރިހަމަކުރުމަށް އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޢާއިލާއާބެހޭ ޤާނޫނަކީ، ކާވެންޏާއި، ވަރިއާއި، އަނބިދަރިންނަށް ހަރަދު ދިނުމާއި، ކުދިންގެ ހަޒާނަތާއި، ބަލަދުވެރިކަމާއި، ދަރިލެއްވުމާއި، ނަސަބު ސާބިތުކުރުމާއި، އާއިލީ ދިރިއުޅުމާ ގުޅިފައިވާ އެހެނިހެން ބައެއް ކަންތައްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގައި އަމަލުކުރާނޭ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ މި ގަވާއިދަކީ ޢާއިލާއާބެހޭ ޤާނޫނު ތަންފީޛުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމާއި، މިގަވާއިދު އިތުރަށް ފުރިހަމަކޮށް، ތަންފީޛުކުރުމުގައި މިހާރު ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ މި ޤަވައިދު އިސްލާހުކުރުމަށް ވެލިޑޭޝަން ބައްދަލުމެއް ބާއްވާފައިއެވެ. މި ގަވާއިދު އިސްލާހްކުރުމުގެ ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ތަޖުރިބާކާރުންނާއި މަސްޢޫލުވެރި އިދާރާތަކުގެ ޚިޔާލުތަކަށް ބިނާކޮށް، ހުށަހެޅިފައިވާ އިސްލާހުތައް ވެލިޑޭޓްކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ދާއިރާތަކާއި ކަންކަން ފާހަގަކުރުމެވެ.

އެގޮތުން، މި ބައްދަލުވުމުގައި ވަނީ ޢާއިލާއާބެހޭ ގަވާއިދު ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތަކާއިއެކު ގަވާއިދަށް ގެންނަށް ފެންނަ މުހިއްމު އިޞްލާޙުތަކެއް ދެނެގަނެވި، އެކަންކަން ބަދަލުކުރުމަށް އިޖުރާޢީ ގޮތެއްގައި ޢަމަލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ގަވާއިދުގެ ތަންފީޛީ މަރުޙަލާގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްކުރެވިފައިވަނީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ފެމިލީ ކޯޓުގެ ފަންނީ އެހީތެރިކަމާއި އެއްބާރުލުމާއެކީގައެވެ.

އިޖްތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދާދިފަހުން ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުވުންތައްވެސް ފަށާފައެވެ.