ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތްތަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ހަވާލުކޮށްފިއެވެ.
މިމަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމީއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ. މި ރަސްމީއްޔާތުގައި މިމަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މޭނެޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މި މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދޭވޭނީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސޭ ގޮތަށް ލައިޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިމަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަމަޖައްސަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިމަޝްރޫޢުއަށް އަލިއަޅުއްވާފައެވެ. ރައީސް ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތާއި ޒަމާނީ ފެންވަރުގެ ލައުންޖެއް ތަރައްޤީކުރުމާއި ރެސްޓޯރެންޓްހެދުމާއި ޓާމިނަލްގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެލްޓް ހަރުކުރުން ފަދަކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ށ. ފުނަދޫ އެއަރޕޯޓަކީ 2020 ވަނަ އަހަރު ހުޅުވި އެއަރޕޯޓެކެވެ. މިއީ އެއަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓަށް ވާއިރު މިއެއަރޕޯޓުގައި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އަދި ޓެކްސީވޭގައި 90 މީޓަރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ.