ޚަބަރު

ނާއިބު ރައީސް މެލޭޝިޔާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅަކީ، މި އޮގަސްޓު މަހުގެ 16ން 18 އަށް މެލޭޝިޔާގެ ޕުތްރަޖަޔާ އިންޓަރނޭޝަނަލް ކޮންވެންޝަންސެންޓަރުގައި ބޭއްވި "ބްލޫ އޯޝަން ސްޓްރެޓެޖީ"ގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނުވަނީ މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާ ބައްދަލުކުރައްވާފައިވެއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ޤާއިމުކުރެވިފައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާ ތަކާބެހޭގޮތުން މި ދެބޭފުޅުންގެ  ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުގެ މި ދަތުރުފުޅުގައި ފަލަސްޠީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ރިޔާޟް އަލްމާލިކީއާވެސް މެލޭޝިޔާގައި ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.