ށ.މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
މިލަންދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި ޖަލްސާގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެކެވެ. އެ ވަޢުދު މިހާރު ފުއްދަވާފައިވާއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ވަކިވަކި ރަށްރަށުގައި އެ ހިދުމަތް ޤާއިމްކުރުމުގެ މަސައްކަތެކެވެ.