ޚަބަރު

ބެސްޓިނެޓުގެ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރުމުން ބޮޑު ބަދަލެއްދޭންޖެހޭ


  • އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލީ މަޝްވަރާނުކޮށް

  • އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ޚަރަދު ކުރަންޖެހޭ

ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކޮށް 5 އަހަރުވިކަމަށާއި އެކަމުގައި އެ ކުންފުންޏާއެކު އެއްވެސް މުއާމަލާތެއް ނުކުރާތީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހުނު ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ދީފައިވާ ލަފަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުޙައްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ބެސްޓިނެޓާއެކު އެންމެ ފުރަތަމަ އިމިގްރޭޝަނުން ސޮއިކުރީ 2016ވަނަ އަހަރު ކަމަށެވެ. ނަމަވެސް 2019ވަނަ އަހަރު ބިދޭސީން ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، ބަންގްލަދޭޝްގެ މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. މި ބަދަލުތައް އޭރުގެ ސަރުކާރުން ގެންނެވިއިރު ބެސްޓިނެޓާ އެއްވެސް ކަމެއް ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އަމަލުނުކޮށް، ބެސްޓިނެޓުގެ ސިސްޓަމް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ކަމަށާއި އެއަށް އޭރުގެ ސަރުކާރުން އެއްވެސްޖަވާބެއް ދީފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"އެ ކުންފުނިން ފާހަގަކުރީ ސިސްޓަމް ބޭނުންކުރުން ހުއްޓާލިއިރު ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށާއި އެހާތަނަށް ސިސްޓަމްގެ އެކި ކޮމްޕޯނަންޓްތައް ޑިވެލޮޕްކުރުމަށް ބޮޑެތި ޚަރަދުތައް ގޮސް، އިންވެސްޓްމަންޓުތައް ކޮށްފައިވާ ކަމަށް. އަދި އަހަރުން އަހަރަށް ދައްކަންޖެހޭ ފީތައް ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުންވާކަމަށް. އެހެންކަމުން ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުގައި ވަނީ އެދިފައި،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ބެސްޓިނެޓުން ހުށަހެޅުއްވީ ބަދަލުގެ ގޮތުގައި 13.7 މިލިޔަން ޑޮލަރާއެކި އެހެނިހެން ގެއްލުމުގެ ބަދަލުވެސް ހޯދަން ކަމަށެވެ. މިކަމާ ގުޅިގެން 2023ވަނަ އަހަރު ކުރީ ސަރުކާރުގެ ބަންޑާރަނައިބު އޭރު ސަރުކާރުގައި އޮތް ސެޓަލްމަންޓް ކޮމިޓީއަށް ހުށަހަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ މި ސަރުކާރުގައި ދާޚީލީ ސަލާމަތާބެހޭ ވުޒާރާއިން އެ މައްސަލަ ހުށަހެޅުއްވުމުން ދިރާސާކުރުމުގެ ތެރެއިން ބެސްޓިނެޓާއެކު ވެފައިވާ އެއްބަސްވުމާމެދު ވަކި ގޮތެއް ނުނިންމައި އަދި އަމަލުކުރާނެ ގޮތެއް އެ ފަރާތައް ނާންގައި ފަސްވަރަކަށް އަހަރުވެފައިވާތީ އެއްބަސްވުން އިތުރަށް ކުރިއަށް ނުގެންދެވޭގޮތަށް އޭރުގެ ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާކަށެވެ. އަދި ޝަރުޢީ މަރުހަލާގައި މި އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމްތަކުގައި މެޓީރިއަލް ބްރީޗެއް ސަރުކާރުގެ ފަރާތުންވެފައިވާ ކަމަށާއި ޝަރުޢީ މަރުހަލާއަކަށްދާނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ދައުލަތުން ބޮޑެތި ޚަރަދުތައް ކުރަންޖެހޭނެކަން ފާހަގަކުރެވުނު ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެހެންކަމުން ބެސްޓިނެޓާއެކު އެއްބަސްވުމެއް ހަދަން ފެންނަކަމަށް ލަފާ ދެއްވާފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވިއެވެ.