އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭހެން ފޯކައިދޫގައި މުހިންމު 3 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސްއެވެ.
ޒަމާނީ ފެންވަރަށް ތައްޤީ ކުރުމަށް ހަމަޖެހިފައިވާ މި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމޭއިރު 700މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި އިމާމު ރޫމަކާއި އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހިމެނޭނެއެވެ.
މީގެ އިތުރުން ސޯލާ ހަރުކޮށް، އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 25މިލިއަން ރުފިޔާއަށް، 2އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
މީގެއިތުރުން އެރަށުގައި ކުނި މެނޭޖުކުރާ ސެންޓަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިމަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމްއެވެ. އެ މަސައްކަތް ހަވާލުކޮށްފަވަނީ ފެނަކަ ކޯޕަރޭޝަންއާއެވެ.
މި މަސައްކަތުގެދަށުން ދެމެހެއްޓެނިވިގޮތެއްގައި ކުނިމެނޭޖުކުރާނެ ރަނގަޅު ފެސިލިޓީއެއް އެރަށުގައި ތަރައްޤީކުރާނެއެވެ.
ފޯކައިދޫގައި ވަނީ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާވެސް އަޅާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އިމާރާތުގެ ބިންގާއަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ.
ފޯކައިދޫއަކީ އާބާދީގައި 2000އަށްވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފަވާ ރަށެކެވެ.