މީގެ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފަވާ 976 ދެމަފިރިއަކަށް، ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުއިން ފްލެޓް ދޭން ހިމަނާފައި އެބައޮތްކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ޤާނުނުތައް މިހާތަނަށް އޮތްގޮތުން، އެ މީހުންގެ ނަންތައް ލިސްޓުން ބާތިލުކުރެވޭނެ ގޮތެއް ނެތްކަމަށެވެ.
ސަރުކާރުން ރިވިއުކުރަމުންދަނީ، ނިމުނު ސަރުކާރުގައި 15 ނޮވެމްބަރުގެ 2023ގައި އެކުލަވާލާފައި އޮތް ގެދޮރުވެރިޔާ ސްކީމްގެ ލިސްޓެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިގޮތަށް ތަކުރާރުކޮށް އެއް އާއިލާއަކަށް ފްލެޓް ލިބޭގޮތަށް އޮތް އުސޫލަކީ ޤަބޫލުކުރާ އުސޫލެއް ނޫންކަމަށެވެ. މީގެ ސަބަބުން ވަރަށް ގިނަ އާއިލާތައް ސްކީމުން މަހުރޫމުވެފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތަކުރާރުކޮށް ފްލެޓް ލިބޭ 976 ދެމަފިރިއަކު ލިސްޓުގައި ހިމެނޭއިރު، މީގެތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓްލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފަވާ މީހުންކަމަށެވެ.
މިކަން މިގޮތަށް ވިޔަނުދީ، މީގެކުރިން ސަރުކާރު ސްކީމަކުން ފްލެޓް ނުލިބޭ އާއިލާތަކަށް މި ފްލެޓްތައް ކަނޑައެޅުމަށް، ޤާނޫނީގޮތުން އެކަން އޮތްގޮތް ބެލުމަށް އެކި ގޮތްގޮތުން މަސައްކަތްކުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނާއެކުވެސް މަޝްވަރާކުރެއްވިކަމަށާއި ނަމަވެސް، ޤާނޫނީގޮތުން އެކަން ހުއްޓުވޭނެ އެއްވެސް އުސޫލެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތް. 976 ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކަށް ކުރީގެ ސްކީމުތަކުން ފްލެޓް ލިބިފަ އޮތީ. ސޮއިކޮށް ޕްލޮޓް ކަނޑައަޅާފަ އޮތީ. އެހެންވީމަ މިކަން ހުއްޓުވޭކަށް ނެތް، ދޭން އެބަ މަޖުބުރވޭ. އެޗްއާރްސީއެމްއާއެކުވެސް މަޝްވަރާކުރިން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިޖުތިމާޢީ އިންސާފުން ބަލާއިރު، ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ދެމަފިރިއަކަށް ވަކިވަކިން ފްލެޓް ލިބުމަކީ، ޙައްޤުވެރި އެހެން އާއިލާތަކަށް ވެވޭ ބޭއިންސާފެއްކަމަށެވެ. ސަރުކާރުގެ ސްކީމަކުން ލިބެންވާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދެމަފިރިންގެތެރެއިން، ދެ މީހުންނަށްވެސް މި ސްކީމުން ފްލެޓް ލިބޭ 1 ދެމަފިރިން އެބަތިބިކަމަށެވެ.