ޤުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަންތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކީރީތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނާ ފަރާތްތަކަށް މަރުޚަބާ ދަންނަވާފައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތައް ސަރުކާރުން އެންމެ އިސްކަމެއް ދެއްވުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅާ އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށްކަމަށެވެ. ޤުރުއާން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ސަރުކާރުން ބޮޑެތި އިނާމުތަކެއް މިއަހަރު ވަނީ ދެއްވާފައެވެ.
ރައީސް ވަނީ ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންތަކެއްގެ ގޮތުގައި ބިނާކުރުމަށް ގޮވާލާފައެވެ. ރައީސް ވިދާޅުވީ ބެލެނިވެރިންނާ، ސްކޫލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަމިއްލަ ފަރާތްތަކުންވެސް އިސްކަންދޭންވީ ޤުރުއާނުގެ ހަމަތަކާއި އެއްގޮތަށް، ރީތިކޮށް ކިޔަވަން ސަމާލްކަންދޭ ދަރިތަކެއް އުފެއްދުމަށްކަމަށެވެ.
ޤުރުއާނަށް ލޯބިޖެހިފަވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤުރުއާނަށް ލޯބިޖެހިފަވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤުރުއާން ކިޔެވުމަކީ އެކަމަކަށްޓަކާ ފަޚުރުވެރިވާ ކަމަކަށް ހެދުމަށް ގޮވާލެއްވިއެވެ.
"ހެޔޮގޮތުގައި ދިއުމުގައި ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ކަމެއް. ތަގުވާވެރިކަމުގެ ގޮތުން ނޫން ކަންކަމުގައި ވާދަވެރިކަން އޮވެގެން ނުވާނެ. އެންމެ މަތިވެރި އިނާމު ލިބެންވާނީ ޤުރުއާން ކިޔަވައިގެން ލިބޭ ވަނައަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ޤުރުއަން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއްކަމަށް ވިދާޅުވިއެވެ. ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިންވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއްގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެނަމަ، ޤައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެކަމަށެވެ. އިންސާނާގެ ސިކުނޑިއާ ހިތާ ޢަމަލުން އަންނަ މި ތަރައްޤީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްޤީކަމަށް ރައީސް ވިދާޅުވިއެވެ.
"އިމާރާތެއް ހެދިދާނެ 50 ބުރީގެ. އެއީ ޙަގީގީ ތަރައްޤީއެއް ނޫން. ހެޔޮކަންކަމަށް ހިތުގައި ބިންވަޅު ނަގާ، އެކަމުގެ މައްޗަށް ޢަމަލުތައް ބައްޓަންކުރުން ވަރުގަދަކުރަންޖެހޭ. އިސްލާމީ ހިދާޔަތު ލިބިފައިވާ ވަރަށް "ޔުނިކް" ޤައުމެއް ރާއްޖެއަކީ. އަތުން ހިފޭ ތަރައްޤީއަށްވުރެ އިސްކަން ދޭންވީ، އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްޤީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށްގެންދިއުމަށް ވިސްނުންކަމަށެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެންކަށާއި ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ޙަޤީޤީ ބަދަލު ގެނެވޭނީ، އަމިއްލަ ޚިޔާލާ ވިސްނުމާއި ފިކުރާއި ޢަމަލުތއް ތަރައްޤީކޮށް، ދާންވީ މަގު ސާފުވެގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.